ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިންތިޚާބާއި ކުރެންދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެ ދެ މައްސަލަ ބަލައިގެންފައި ވަނީ އިއްޔެ އެވެ.
ތިމަރަފުށީ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އަދި މިހާރުވެސް އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އަހްމަދު ޝަރީފް އެވެ. ކުރެންދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރަން ހުށަހަޅާފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.
ތިމަރަފުށީ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީ ޓިކެޓުގައި ވާދަކިރެއްވި މުހައްމަދު މުސްތަފާ އެވެ. އޭނާ ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ ނުވަ ވޯޓު ތަފާތުންނެވެ.
ކުރެންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުލް ބާރީ އަބްދުﷲ އެވެ. އޭނާ ގޮނޑި ކަށަވަރު ކުރެއްވީ ހަތް ވޯޓު ތަފާތުންނެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި އަހްމަދު މޫސާ އަށް ލިބިވަޑައިގަތީ 748 ވޯޓެވެ.
މީގެއިތުރުން ށ. ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް އެ ދާއިރާ އަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އައްބާސް މުހައްމަދު ވެސް ހައިކޯޓަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ކޯޓުން ބަލައިގަތް ކަމެއް އެނގިފައެއް ނުވެއެވެ. އައްބާސް އިންތިޚާބުން ނާކާމިޔާބުވެފައި ވަނީ 75 ވޯޓުގެ ތަފާތުންނެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު އަލީ ސަލީމަށް ލިބިވަޑައިގަތީ 930 ވޯޓެވެ.
ތިމަރަފުއްޓާއި ކުރެންދޫ ދާއިރާގެ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ