ފައިސާ ހޯދާ ގޮތުގެ ސުވާލެއް ނުކުރާނެ، ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރޭ: ރައީސް

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑު ނުވާ ކަމަށާއި އެ މީހުން، އެމަނިކުފާނަށް އިތުބާރު ކުރާތީ، އެއާ ގުޅޭ ސުވާލު ވެސް ނުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އާބާދީގައި 1،660 މީހުން ހިމެނޭ ގއ. ކޮލަމާފުށީގެ ނަރުދަމާ އަދި ފެނުގެ ޚިދުމަތް އިފްތިތާހު ކުރެއްވުމަށް އެ ރަށަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ބޭނުން ވަނީ އެ މީހުންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުން ހައްލު ކޮށްދިނުން ކަމަށެވެ. އަދި ވިދާޅުވީ، އެކަން ފުއްދަން ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ކަންބޮޑު ނުވާ ކަމަށެވެ.
"ތިބޭފުޅުންނަށް ދަތިވެފައި މި އޮތީ މިހާރު ބަނދަރުގެ މަސައްކަތް. ބަނދަރުގެ މަސައްކަތް ކުރުމަށްޓަކައި ލޯނު ނެގީމާ ސަރުކާރުގެ ދަރަނި އިތުރުވެގެން ދަތިވާ ބޭފުޅަކު، މިތާ އޯޑިއަންސްގެ ތެރޭގައި އަޅުގަނޑުގެ ވާހަކަ އަޑު އައްސަވަން އިންނަވަންޏާ ހަމަ ތެދުވެވަޑައިގެން ވިދާޅުވޭ ތިމަންނަ އަށް އުނދަގުލޭ މިކަން،" ތަރައްގީގެ 16 މަޝްރޫއަކަށް 226 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކޮލަމާފުށީގައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނުގެ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތާ މެދު ރައްޔިތުން ސުވާލު ނުކުރަނީ ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިތުބާރު އޮތުމުންނެވެ.
"މިއީ ދެއްތޯ ތަފާތަކީ. ރައްޔިތުން ބޭނުން ވަނީ ރައްޔިތުންނަށް ނުފުދިފައި ހުރި ކަންކަން ފުއްދައި ދިނުން. އެ ކަންކަން ރައީސް ޔާމީން ފުއްދައި ދެނީ ކިހިނެއްތޯ؟، އެ ސުވާލެއް ނުކުރާނެ. އެއީ މިހާރު ހިނގަމުން މިދާ ކަންތައްތަކަށް، ރައްޔިތުން، ރައީސް ޔާމީނަށް އިތުބާރު ކުރާތީވެ. ރައީސް ޔާމީން ކަންތައްތަކެއް ކުރަމުންދާ ކަމަށް ރައްޔިތުން އިތުބާރު އެބަކުރޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ އިދިކޮޅު އިއްތިހާދުގެ ސިޔާސަތުތަކަށް ވެސް ކޮލަމާފުށީގައި މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ، ސަރުކާރުން ލޯނު ނަގައިގެން މަޝްރޫއުތައް ހިންގަމުންދާ ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔާއިރު، އެ އިއްތިހާދުގެ ސަރުކާރެއްގެ ވިސްނުމަކީ ވެސް ލޯނު ނެގުން ކަމަށެވެ.
"އަޅުގަނޑުގެ ނުކުތާ އަކީ މިއީ. އަޅުގަނޑު ލޯނު ނަގައިގެން ކަންކަން ކުރީމާ، ރައްޔިތުން ދަރާ ވިކިފައި، ސަރުކާރު ދަރާ ވިކިފައި އޮންނަ ވާހަކަ ދައްކާއިރު މި ބޭފުޅުން މި ކުރައްވާ ކަންތަކަށް ލޯނެއް ނޫންތޯ ނަންގަވާނީ؟ ހަމަ ޔަގީން ދެއްތޯ މި ބޭފުޅުން ނަގާނީ ލޯނުކަން،" އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް އޭނާގެ ވެރިކަމެއްގައި ލޯނު ނަގައިގެން ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވަމުން އަންނާތީ އެކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ހަވާލުވެއްޖެ ހާލަތެއްގައި ލޯނު ނުނަގައިފި ނަމަ ދެން ޖެހޭނީ ގައުމުގެ ހަރު މުދާ ވިއްކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ލޯނު ނުނަގާ ނަމަ ދެން ޖެހޭނީ ފައިސާ ހޯދަން ރައީސް ޔާމިން އުފައްދާފައި ހުރި ހަރު މުދާ ވިއްކަން. އެހެން ވެގެން އަޅުގަނޑު މި ދަންނަވަނީ ކާޅު ހާލި ހަދާނެއޭ، ކޮވެލި ބިސް އަޅާނެއޭ އެ ހާލީގައި. އެ ބޭފުޅުންނަކަށް އީޖާދީ އެއްވެސް ކަމެއް ނުކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ދިކޮޅު ފަރާތްތަކުން އިސްލާމް ދީނުގެ ހުކުމްތަކަށް ބޯލަނބާ މިންވަރާ މެދު ސުވާލު އުފައްދަވައިފަ އެވެ.
"އަޅުގަނޑުމެންނާ ވާދަ ކުރައްވާ ބޭފުޅުން، އެ ބޭފުޅުން އެ ކުރައްވާ ކަންކަމުގައި ކިހާ ވަރަކަށްތޯ އިސްލާމް ދީނުގެ ކަންކަމަށް އެ ބޭފުޅުންގެ ޝައުގުވެރިކަން އޮންނަނީ. އެއީ އެހެން ދަންނަވަން ޖެހެނީ ކޮންމެހެން އަޅުގަނޑު އެ ބޭފުޅުންނާ ޖަދަލު ކުރާކަށެއް ނޫން. އެހެން ދަންނަވަން ޖެހެނީ އެ ބޭފުޅުންގެ ތިން އަހަރާއި އޭގެ ކުރީގެ މެނިފެސްޓޯގައި އެ ބޭފުޅުން ލިޔުއްވާފައި ހުރި ވާހަކަތަކާއި ވެރިކަމާ ހަވާލުވީމާ ދެން ވެސް އެ ބޭފުޅުން މަސައްކަތް ކުރެއްވި ފައްޅި ކަހަލަ އެއްޗެހި އެޅުމުގެ ޖާގަ އިސްލާމް ދީނުގައި އެއްވެސް ވަރަކަށް އެބަ އޮތްތޯ އިސްލާމީ ދައުލަތެއްގައި،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ކޮލަމާފުށީގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ބޭންކިންގެ ދާއިރާ އާއި ވޭސްޓް މެނޭޖްމަންޓާއި ބޯފެނުގެ ނިޒާމާއި ހަކަތައިގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އާއި މުވާސަލާތާއި ސިއްހަތާއި ކުޅިވަރުގެ ދާއިރާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ