ކުއްޔަށް ދޭނެ ފައިސާ ނެތް ފަރާތްތަކަށް ހިލޭ ބޯހިޔާ ވަހިކަން ފޯރުކޮށްދޭނަން: އިބޫ

ފައިސާ ދީގެން ބޯހިޔާވަހިކަން ހޯދުމަށް ނުކުޅެދިފައިވާ ފަރާތްތަކަށް، ތަނަވަސްކަމެއް ލިބެންދެން ހިލޭ ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެ ވަޑައިގެންފި އެވެ. ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅެއްގައި ރޭ އެ އަތޮޅު މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، އިދިކޮޅު ކޯލިޝަނުގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރާނެ ކަމަށާއި ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުވެ ނިމިގެންދާއިރު ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަށެވެ. ސޯޝަލް ހައުސިންނަކީ އެ އިރެއްގެ އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭނެ އަސާސީ ހިދުމަތެއް ކަމަށާއި އެގޮތުން ފޯރުންތެރިކަން ކުޑަ މީހުންނަށް ބޯހިޔާވަހިކަމުގެ ވަސީލަތްތައް ހޯދައި ދިނުމަކީ ސަރުކާރުން ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އިބޫ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މުއައްސަސާއަކާއި ކުންފުންޏެއް ވެސް އުފައްދާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ރޭ. ނ. މަނަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ --- ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ތިން ކެޓަގަރީއަކަށް ބަހާލާނެ ކަމަށް އިބޫ ވިދާޅުވި އެވެ. "ފުރަތަމަ ބައިގައި އެއްވެސް ފައިސާއެއް ދީގެން ނޫނިއްޔާ ކުއްޔަށް ހިފައިގެން ވެސް ނޫޅެވޭ ހާލަތުގައި ތިބި ރައްޔިތުންނަށް ސަރުކާރުން ދައުލަތުން ހިލޭ ބޯހިޔާވަހިކަން އެ އެންމެނަށް އަޅުގަނޑުމެން ފޯރުކޮށްދޭނަން. އެއީ އެފަރާތްތަކަށް އާމްދަނީ އެއް ހޯދައިގެން ދިރިއުޅެވޭ ހިސާބަށް ދާން ދެން އެކަން އަޅުގަނޑުމެން ކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ. ލިބޭ އާމްދަނީ އެއްކޮށް ކުއްޔަށް ދީގެން އުޅެން ޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީއެއް ދެއްވާނެ ކަމަށް އިބޫ ފާހަގަކުރެއްވި އެވެ. އަދި ފައިސާ ހުރި ނަމަވެސް ގެއެއް ނުވަތަ ފްލެޓެއް ގަންނަން ބޭނުންވާ ފަރާތްތަކުން އެޑްވާންސްއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވެ ލޯން ލިބޭނެ ގޮތެއް ނެތިފައި ތިބި ފަރާތްތަކަށް ލުއި ގޮތެއް ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތެވެ. އެގޮތުން އެޑަވާންސްއަށް ދައްކަން ޖެހޭ އަދަދު ކުޑަކޮށް ހައުސިންއަށް ދެވޭ ލޯންގެ އިންޓްރެސްޓް ރޭޓް ހަ ޕަސެންޓަށް ތިރިކުރާނެ ކަން އިބޫ ފާހަގަކުރެއްވި އެވެ. މިހާރު ވެސް ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިިބި 20،000 އާއިލާ އެބަތިބިކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިދިކޮޅުގެ ކޯލިޝަނުގެ ވެރިކަމެއްގައި އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށާއި އެ ފައިސާ ހޯދޭނެ ގޮތްތައް ދިރާސާކޮށް ބަލާފައިވާ ކަން އިބޫ ވިދާޅުވި އެވެ. ސެޕްޓެމްބަރު 23ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބްކޮށް އުފައްދާ ކޯލިޝަނުގެ ސަރުކާރެއްގައި ވަކި ރަށެއް ވަކި ރައްޔިތެއް ބެލުމެއް ނެތު ހުރިހާ ރައްޔިތުންނަށް ފެނާއި ނަރުދަމާ އަޅައިދޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުން ރާއްޖެ ތަރައްގީ ކުރާނީ ރައްޔިތުންގެ ފައިސާ އިން ލޯ ލާރިއެއްގައި ވެސް ނުޖެހި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާ އެކު ކަމަށް އިބޫ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ