ރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރަކަށްވުމުގެ ސިފަ ލިބިގެންވާ ގައުމެއް ނޫން: މައުމޫން

ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އޮތް ކަމުގައި ވިޔަސް، އަސްލުގައި ރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރަކަށް ވުމުގެ ސިފަ ލިބިގެންވާ ގައުމެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަލްމަރުހޫމް އަލްއުސްތާޒް ފަތުހުﷲ ޖަމީލުގެ ހަނދާނުގައި، ސަރުކާރުން ރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި، ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ކުރި މަސައްކަތުގައި ފަތުހުﷲގެ ހިއްސާ ފާހަގަކުރައްވައި ދެއްކެވި ވާހަކަފުޅުގައި މައުމޫން ވިދާޅުވީ ކޮމަންވެލްތު އުފެދިގެން އައީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ގައުމުތައް ހިއްސާވާ ޖަމާއަތެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރާއްޖެއަކީ އެއްވެސް އިރެއްގައި އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތް ގައުމެއް ނޫން ކަމަށާއި ރާއްޖެ އޮތީ އިނގިރޭސީންގެ ހިމާޔަތުގައި ކަމަށް ވުމުން، އެ ޖަމާއަތުގެ މެންބަރަކަށް ވުމުގެ ސިފަ ރާއްޖެ އަށް ލިބިގެންނުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އަޅުގަނޑުމެންނަކީ އިނގިރޭސިންގެ ވެރިކަމުގެ ދަށުގައި ތިބި ބައެއް ނޫން ކަމަށާއި ލަންކާ، އިންޑިއާ، ޕާކިސްތާންގައި އިނގިރޭސިން ވެރިކަންކުރި ފަދައިން ރާއްޖޭގައި އިނގިރޭސީން ވެރިކަންކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެ އޮތީ އިނގިރޭސީންގެ ހިމާޔަތުގައި ކަމަށާއި އިނގިރޭސީންގެ ހިމާޔަތުގައި އޮތް ދުވަސްވަރު ވެސް، އިންޑިއާ، ލަންކާ ފަދަ ގައުމުތަކުގައި އިނގިރޭސީންގެ ވެރިން ތިބި ފަދައިން ރާއްޖޭގައި އިނގިރޭސީންގެ ވެރިއަކު ނެތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތިބީ އިނގިރޭސީންގެ ހިމާޔަތުގައި. މިއީ މުޅިން ތަފާތު ކަމެއް. ދިވެހި ރާއްޖޭގައި އިނގިރޭސީންގެ ވެރިއަކު ނުހުރޭ. ގަވަރުނަރު ޖެނެރަލެއް ނަމަވެސް ގަވަރުނަރެއް ނަމަވެސް ނުވަތަ ރޫލަރެއް ނަމަވެސް އެއްވެސް ނަމެއްގައި އިނގިރޭސީންގެ މީހަކު ދިވެހި ރާއްޖެއަކު ނުހުރޭ. ދިވެހި ރާއްޖޭގެ ވެރިންނަށް ތިބެނީ ދިވެހީން. އެއީ އެއިރެއްގެ ރަދުން ނުވަތަ ރަސްގެފާނު ކަމަށް ވިޔަސް ނުވަތަ ބޮޑުވަޒީރު ކަމަށް ވިޔަސް ނުވަތަ ވަލިއްޔުލް އަމްރު ކަމަށްވިޔަސް ދިވެހި ބޭފުޅުން ތިއްބެވީ. އެހެންވީމާ އަސްލުގައި ކޮމަންވެލްތުގެ ގައުމަކަށް ވުމުގެ އެ ސިފައެއް ދިވެހި ރާއްޖެއަކު ނެތް. ކޮމަންވެލްތުގައި މި ހިމެނެނީ އިނގިރޭސީން ވެރިކަންކުރި ގައުމުތައް،" މައުމޫން ވިދާޅުވި އެވެ.
ކޮމަންވެލްތާ ބެހޭ ގޮތުން މައުމޫން މި މޭރުމުން ވާހަކަފުޅު މި ދެއްކެވީ، ފެބްރުއަރީ ،7 2012ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ހަގީގަތް ހޯދުމަށް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަނަކީ މިނިވަން ތަނެއް ނޫން ކަމަށް ބުނެ، އެ ކޮމިޝަން އަލުން އެކުލަވާނުލައިފި ނަމަ، ރާއްޖެއާ މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ކޮމަންވެލްތުން އިންޒާރު ދީފައި ވަނިކޮށެވެ. އަދި ކޮމަންވެލްތުގެ އެ އިންޒާރާ ގުޅިގެން، އެ ޖަމާއަތުން ރާއްޖެ ވަކިވުމަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލައްވާފައި ވަނިކޮށެވެ.
މައުމޫން ވިދާޅުވި ގޮތުގައި ކޮމަންވެލްތު އުފެދިފައި އޮތީ، އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތް ގައުމުތައް ހިއްސާވާ ޖަމާއަތެއްގެ ގޮތުގައި ކަމަށް ވިޔަސް، އެ ޖަމާއަތުގެ ޚާއްސަ މެންބަރެއްގެ ގޮތުގައި ރާއްޖެވުމަށް، 1982 ވަނަ އަހަރު އެ މަނިކުފާނު އެދިވަޑައިގަތީ، އޭރު ކޮމަންވެލްތަކީ ކުދި ގައުމުތަކަށް ވަރަށް ބޮޑަށް އެހީވެދޭ ޖަމާއަތަކަށް ވުމުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މިހާރު ވެސް ކޮމަންވެލްތުގައި ގިނައީ ކުދި ގައުމުތައް ކަމަށާއި އެ ޖަމާއަތުގައި ޖުމްލަ 54 ގައުމު ހިމެނޭ އިރު އޭގެ ތެރެއިން 27 ގައުމަކީ ކުދި ގައުމުތައް ކަމަށެވެ.
"އެހެންވީމާ ކުދި ގައުމުތަކުގެ ފަރާތުން ކޮމަންވެލްތުން ދުނިޔޭގެ އެހެން ތަންތާނގައި ވަކާލާތުކުރުމުގެ ފުރުސަތު އޭރު އޮތް. އެހެންވީމާ، އެ ބޭނުމަށްޓަކައި އަޅުގަނޑުމެން ފުރަތަމަ ކޮމަންވެލްތުގެ ޚާއްސަ މެމްބަރަކަށްވީ 1982 ވަނަ އަހަރު. އޭގެ ފަހުން 1985 ވަނަ އަހަރު ކޮމަންވެލްތުގެ ފުރިހަމަ މެމްބަރަކަށް ދިވެހި ރާއްޖެ ވީ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮމަންވެލްތުގައި ކުދި ގައުމުތަކުގެ ހައްގުތަކަށް ވަކާލާތުކުރެވުނު ކަމުގައި ވިޔަސް، "އޭރުގެ ކޮމަންވެލްތާއި މިހާރުގެ ކޮމަންވެލްތާ ތަފާތު" ކަމަށެވެ.
"އޭރު ކޮމަންވެލްތަކީ ކުރިން ވެސް ދެންނެވިހެން ކުދި ގައުމުތަކަށް ވަރަށް ބޮޑަށް އަޅާލާ، އަދި ޚާއްސަކޮށް އެ ޒަމާނަކީ އިސްތިއުމާރުގެ އަޅުވެތިކަމުން ގައުމުތައް ސަލާމަތްވަމުން އައި ދުވަސްވަރު ކަމަށްވާތީ، މިނިވަންވާ ގައުމުތަކަށް ކޮމަންވެލްތުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން ދިޔަ. އެކަމު މިހާރު ހާލަތު ބަދަލުވެއްޖެ. ... މިހާރު ކޮމަންވެލްތުގެ ސިޔާސަތު މި އޮތީ އެހެން ގޮތަކަށް. އޭރު އަޅުގަނޑުމެން ކޮމަންވެލްތުގެ ތެރޭގައި އުޅުުނު އިރު، ކުދި ގައުމުތަކަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ކޮމަންވެލްތުން ލިބިގެން ދިޔަ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އޭރު ކޮމަންވެލްތު އޮތީ އިސްތިއުމާރީ ވަކިތަކުން ކުދި ގައުމުތައް ސަލާމަތްކޮށްދިނުމުގައި ވަރަށް ބޮޑަށް އެހީވެދޭ ޖަމާއަތެއްގެ ގޮތުގައި ކަމަށެވެ.
"އެކަމަކު މިހާރަކަށް އައިސް ކޮމަންވެލްތުގެ ކަންތައް މި އޮންނަނީ އެހެން ގޮތަކަށް. މި ކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ ފަދަ ގޮތަކަށް. ކޮމަންވެލްތުގެ ހާލަތު މިހާރު މިވަނީ ބަދަލުވެފައި. އެއީ ދުނިޔެ އަށް އައި ބަދަލު. މިހާރު ދުނިޔޭގައި ބޮޑެތި ގައުމުތަކުގެ ނުފޫޒު ކުދި ގައުމުތަކުގެ މައްޗަށް ވަރަށް ބޮޑަށް އެ ގެންދަނީ ފޯރަމުން. އަދި މި ދަންނަވާ ކަހަލަ ޖަމާއަތްތަކުގެ ތެރެއިން ވެސް ބޮޑެތި ގައުމުތަކުގެ ނުފޫޒު މި ދަނީ ވަރަށް ބޮޑަށް އޭގެ ތެރެއަށް ވަންނަމުން ފެތުރެމުން. އެހެންވީމާ މިހާރުގެ ކޮމަންވެލްތަކީ އޭރުގެ ކޮމަންވެލްތެއް ނޫން،" ކޮމަންވެލްތުގެ ކަންތައް ބަދަލުވެގެން ދިޔަ ގޮތަށް ފާޑުވިދާޅުވަމުން މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވި ދުވަސްވަރު އެ ޖަމާއަތުގެ ކަންތައް ހުރި ގޮތާއި މިހާރު ކަންތައް ހުރި ގޮތާ ދެމެދު ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށެވެ. އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް ގައުމުތައް ހިއްސާވާ ކޮމަންވެލްތުގެ ކަންތަކާއި ހާލަތު މިހާރު ވަނީ، އަޅުގަނޑުމެން އެ ކަންކަމާ މެދު ވިސްނާލަންޖެހޭ ފަދަ ގޮތަކަށް ބަދަލުވެފައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެ ގޮތުން އެ ދުވަސްވަރު ކޮމަންވެލްތުގެ ތެރެއިން ކުދި ގައުމުތަކުގެ ހިމާޔަތަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައި ވިޔަސް، މިހާރު ބޮޑެތި ގައުމުތަކުގެ ނުފޫޒު ކުދި ގައުމުތަކުގެ މައްޗަށް ފޯރަމުންދާ ކަން މައުމޫން ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ