ބޯޑަ ކޮންޓްރޯލް ސިސްޓަމް ހުއްޓާލުމަށް ގާސިމް ގޮވާލައްވައިފި

މެލޭޝިއާގެ ނެކްސްބިޒާ ހަވާލުކޮށްފައިވާ ބޯޑަ ކޮންޓްރޯލް ސިސްޓަމް ކުރިއަށް ގެންދިއުން ހުއްޓާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ ބޯޑަ ކޮންޓްރޯލް ސިސްޓަމް ދީފައިވަނީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށް ނޫން ކަމަށެވެ. އެ މަޝްރޫއު ނެކްސްބިޒާ ހަވާލުކޮށްފައިވަނީ ބޮޑު ފައިދާއެއް ނެގޭ ގޮތަށް ކަމަށާއި ނަމަވެސް އެ ވަރުގެ މަޝްރޫއަކަށް ހަ މިލިއަން ޑޮލަރު ( 92 މިލިއަން ރުފިޔާ) ވެސް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯޑަ ކޮންޓްރޯލް ސިސްޓަމް ނެކްސްބިޒަށް ދީފައިވަނީ އެކަމަށް ހިނގާ ހަރަދަށް ވުރެ މާ ބޮޑު ފައިދާއެއް ލިބޭ ގޮތަށް ކަމަށާއި ސިންގަޕޫރުގައި ބޭނުންކުރާ ބޯޑަ ކޮންޓްރޯލް ސިސްޓަމް ރާއްޖެ ގެންނަން ވެސް އެވަރުގެ ހަރަދެއް ނުހިނގާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ނެކްސްބިޒުން ހިންގާ މަޝްރޫއުގެ އަގު އުޅެނީ 500 މިލިއަން ރުފިޔާގަ އެވެ.
ބޯޑަ ކޮންޓްރޯލް ސިސްޓަމް އަތުލަން ޖެހޭ އަނެއް ސަބަބަކީ ރާއްޖޭގެ ސަލާމަތަށާއި މިނިވަންކަމަށް ނުރައްކާ އޮތުން ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން އެ ނިޒާމް ބޭރު ބަޔަކާ ހަވާލުކުރުމުން، ރާއްޖެ އަންނަ ހުރިހާ ފަރާތެއްގެ މައުލޫމާތާއި ޕާސްޕޯޓްގެ މައުލޫމާތު އެ މީހުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އޮރިޔާމާ މަގުމަތީގައި ހިނގުން ކަހަލަ ކަމެއް،" މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ގާނޫނާއި ގަވާއިދާ ހިލާފަށް ދީފައިވާ މަޝްރޫއުތައް ނުވަތަ ރައްޔިތުންނަށް އެންމެ ފައިދާ ނެތް ގޮތަށް ދީފައިވާ މަޝްރޫއުތައް ހުއްޓާލުމަށް އޭނާ ގޮވާލައްވާތީ ކޮންމެ ސަރުކާރަކަށް ވެސް އޭނާ ގޯސްވާ ކަމަށާއި ބޯޑާ ކޮންޓްރޯލް ސިސްޓަމް ހުއްޓާލުމަށް ގޮވާލެއްވުމުން މި ސަރުކާރަށް ވެސް އޭނާ ގޯސްވެދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މައްސަލާގައި މީގެ ކުރިން ގާސިމް މިހާ ބޮޑަށް ފާޑުވިދާޅުވެފައެއް ނުވެ އެވެ.
އެ މަޝްރޫއު ހުއްޓާލުމަށް ހައި ކޯޓުން ކޮށްފައިވާ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާތީ، އެކަމަށް އިޝާރަތްކުރައްވައި ގާސިމް ވިދާޅުވީ ގަވާއިދާ ހިލާފަށް ދީފައިވާ މަޝްރޫއުތައް ހުއްޓުވުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް އޮންނަން ޖެހޭ ކަމަށެވެ.
"އެ ބާރު ނެތިއްޔާ ގާނޫނު އިސްލާހުކޮށްގެން ވެސް އެ ބާރު ދޭން ޖެހޭ،"
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ވެސް މެމްބަރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އޭސީސީގެ ބާރު ކެނޑިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، އެ ބާރު ކެނޑުނު ކަމަށް ގާސިމް ގަބޫލެއްނުކުރައްވަ އެވެ.
ރައީސް މުހައްމަދު ވަހީދު ވިދާޅުވެފައި ވަނީ އޭސީސީ އަކީ މަޝްރޫއުތައް ހުއްޓުވަން އޮންނަ ތަނެއް ނޫން ކަމަށެވެ. އޭސީސީގެ ޒިންމާ އަކީ ސަރުކާރެ ތެރޭގައި ހިންގާ ޚިޔާނާތުގެ ކަންކަން ބަލައި ތަހުގީކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ