ވޯޓާމެދު ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އެޗްއާރުސީއެމުން ފަށައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފަށައިފި އެވެ.އިންތިހާބާ މެދު އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ކުއްލިއްޔާގެ ދަރިވަރުންނަށް މިރޭ ވަނީ ސެމިނާރެއް ބާއްވާފަ އެވެ. މި ސެމިނާގައި މައުލޫމާތު ދީފައިވަނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާ ބެހޭ ގޮތުންނާއި އިންސާނީ ހައްގުތަކުގެ ތާރީހާއި އިންތިހާބުތަކުގެ ބޭނުމުގެ އިތުރުން ވޯޓާސް އެޑިއުކޭޝަންއާ ގުޅޭ ގޮތުންނެވެ.ކުއްލިއްޔާގެ ދަރިވަރުންނަށް ބޭއްވި މި ސެމިނާ ޝަރަފްވެރިކޮށްދެއްވީ އެތަނުގެ ރެކްޓާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ނުވަތަ ވޯޓުލުމާ ގުޅޭ ގޮތުން މާ ބޮޑު މައުލޫމާތެއް ބޭނުންނުވާ ކަމަށް ބައެއް މީހުންނަށް ހީކުރެވުނު ނަމަވެސް އެއީ ކުށްހީއެއް ކަމަށެވެ. ކުރިމަތިވަމުން އަންނަ އިންތިހާބަކީ ގައުމުގެ މުސްތަގްބަލާ މެދު ރައްޔިތުން ގޮތެއް ނިންމާ ދުވަސްކަން ފާހަގަކުރައްވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ އެއީ ފަރުދީ ގޮތުން ނަގަން ޖެހޭ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންވެ، ގައުމުގެ މުސްތަގްބަލް ބިނާވެގެން ދާނީ ވޯޓުގެ ނަތީޖާ އިން ކަން ދެނެތިބެ ވޯޓު ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ."ވޯޓު ދިނުމުގައި "އެއީ މަށާ ބެހޭ ކަމެއް ނޫން" ސަގާފަތެއް އުފެދިއްޖެ ނަމަ އެ ތަނެއްގެ ހުރިހާ ކަމެއް ބިނާވެގެން ދާނީ ހަމައެއްލަމައެއް ނެތް ގޮތަށް. އެހެންވެ، ވޯޓާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް މި ފަދަ ޕްރޮގްރާމްތައް ވަރަށް މުހިއްމު،" ޒަކަރިއްޔާ ވިދާޅުވި އެވެ.އެޗްއާރުސީއެމުން ބުނީ މިއީ އަދި މި ޕްރޮގްރާމްގެ ފެށުން ކަމަށާއި ކުރިއަށް އޮތްތަނުގައި މި ފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ