ލޯކަލް ކައުންސިލްގެ އިންތިހާބު ބާއްވާތީ ރިސެސް އަށް ނުދިއުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމައިފި އެވެ.
ހައި ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ޑިސެމްބަރު މަހު ރިސެސްއަށް ދިއުމަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް އެ ދުވަސްވަރު ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
ގާނޫނުގައި ބުނާ ގޮތުން އިންތިހާބީ މައްސަލަތައް ބަލަންޖެހޭނީ ހައި ކޯޓުންނެވެ. ނަމަވެސް 7 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބު ކެންސަލްކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އިންތިހާބީ ކުށްތައް ނުބެލޭނެ ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ރިޔާސީ އިންތިހާބާ ގުޅޭ ކުށުގެ މައްސަލައެއް ހައި ކޯޓުން ބޭރު ބޭރު ވެސް ކޮށްލާފައިވެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އިންތިހާބީ ކުށްތައް ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ދީފައި އޮތުމަކީ ގާނޫނު އަސާސީން ލިބިދޭ އިސްތިއުނާފުގެ ހައްގު ގެއްލޭ ކަމެއް ކަމަށާއި އެކަމަކީ ދުސްތޫރީ ހަމަތަކާ ހިލާފު ކަމެއް ކަމަށެވެ.
އިންތިހާބީ ކުށްތައް ނުބެލޭނެކަން ކަނޑައެޅި ނަމަވެސް އިންތިހާބީ ޝަކުވާތަކާ ބެހޭ މައްސަލަތައް އަދިވެސް ބަލަމުންދާނީ ހައި ކޯޓުންނެވެ.
ހައިކޯޓް ގަވާއިދުގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން، ހައިކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ނަމަ، ހައިކޯޓުގެ އަހަރީ ޓާމަކީ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހެވެ. މި އަހަރުގެ ޑިސެމްބަރު މަހު ރިސެސްއަށް ނުދާން ނިންމުމުން މިހާރެކޭ ވެސް އެއްގޮތަށް އެ މުއްދަތުގެ ތެރޭގައި މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދާނެ ކަމަށް ހައި ކޯޓުގެ ބަޔާނުގައި ވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވާތީ ރިސެސް އަށް ނުދާން ހައި ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ