ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ ކުރަފިތަކަކަށް ސެލްޓޮކްސް ޖަހާހެން: މެމްބަރު ފައިސަލް

އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް އެއްވުމުން ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ ކުރަފިތަކަކަށް ސެލްޓޮކްސް ޖަހާހެން ކަމަށް ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރައްޔިތުންނަށް އަނިޔާކުރި ދުވަސް އަލްވަދާއުކިޔާފައިވާ ކަމަށާއި ރައްޔިތުންނަށް އިންސާފު ހޯދައިދޭން ސަލާމަތީ ބާރުތަކުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ފަށާފައިވާ މަސައްކަތަކީ އެންމެ ފަރުދަކަށް ނިސްބަތްވާ މަސައްކަތެއް ނޫން ކަމަށާއި އެއީ މުޅި ގައުމުގެ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން އެންމެ ކުޑަކުދިންނަށް ވެސް އެބަ އެނގޭ ގާނޫނާ ހިލާފަށް، ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންގަތުމަކީ އެއްވެސް ހާލެއްގައި ކުރަން ޖެހޭ ކަމެއް ނޫންކަން. އަޅުގަނޑު މި ވާހަކަދައްކާއިރު ހަމަ ހިތާމަކުރަން. އަޅުގަނޑު ހަމަ ހިތަށްއަރަނީ ދިވެހި ސަލާމަތީ ބާރުތަކުން، ދިވެހި ފުލުހުންނަށް ހަމަ މި ގާނޫނުތައް ނުފެންނަނީތޯއޭ، އަޅުގަނޑުމެން ދެރަވޭ، އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހެއްގެ ހިތްވަރަކަށް، އަޒުމަކަށް ގުޑުމެއް ނާރާނެ. އޮނަރަބްލް ގާސިމް އިބްރާހިމް އެކުރައްވާ ހިތްވަރަށާއި މަސައްކަތަކަށް މިކަމުން އެއްވެސް ގުޑުމެއް ނާރާނެ، އަޅުގަނޑުމެން މިކަހަލަ ތަނެއްގައި މަޑުކޮށްފިކަމަށް ވަންޏާ ދޮރުމައްޗަށް އައިސް ކުރަފިތަކަކަށް ސެލްޓޮކްސް ޖާހަލާ ގޮތަށް އަޅުގަނޑުމެންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހަނީ،"ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ގާސިމް އިބްރާހިމަށް ދެމުން އަންނަނީ ހައްގު އަދަބެއް ނޫން ކަމަށާއި މިހާރު ވެސް ބަންދުގައި ތިއްބެވި ސިޔާސީ އެހެން ބޭފުޅުން މިނިވަންކޮށް، ގައުމު ސުލްހަވެރިކަމާ އެކު ކުރިޔަށް ގެންދަން އޭނާ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ