ގާސިމް އިބްރާހިމް މިނިވަން ކުރަންދެން މާމިގިލީ ރައްޔިތުން އިހުތިޖާޖު ކުރާނެ: ކައުންސިލް

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް މިނިވަން ކުރުމުންނޫނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އދ. މާމިގިލީ ރައްޔިތުން ކުރާ އިހުތިޖާޖު ހުއްޓާނުލާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މާމިގިލި ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ މުފީދު ވިދާޅުވީ މިމުޒާހަރާއަކީ ކައުންސިލުން ކުރާ މުޒާހަރާއެއް ނޫން ކަމަށާއި، މިއީ ރަށުގެ ރައްޔިތުން އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މުޒާހަރާއެއް ކަމަށެވެ.
ގާސިމް ހައްޔަރުކުރުމާއެކު، ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް މަގުމައްޗަށް ނިކުމެ އަޑުއުފުލަމުންދާ ކަމަށާއި، ގާސިމް މިނިވަން ކުރުމުން މެނުވީ މުޒާހަރާ ކުރުން ހުއްޓާނުލާނެ ކަމަށް މުފީދު ވިދާޅުވިއެވެ.
މުފީދު ވިދާޅުވީ މިހާރުން މިހާރަށް ގާސިމް ދޫކޮށްލުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުންދާ ކަމަށެވެ. މާމިގިލި ފުލުހުންވެސް މުޒާހަރާއަށް އެއްވެސް ހުރަހެއް ނާޅާ ކަމަށާއި، މުޒާހަރާ ކުރިއަށްދަނީ ސުލްހަވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
މުފީދު ވިދާޅުވީ ގާސިމް ހައްޔަރުކުރުމާ ގުޅިގެން، ރައީސް ޔާމީނަށް ތާއީދުކުރާ މީހުންވެސް ގާސިމްގެ ހައްގުގައި މުޒާހަރާގައި ބައިވެރިވާ ކަމަށެވެ.
ގާސިމަކީ ހަމައެކަނި ސިޔާސީ ލީޑަރެއް ނޫން ކަމަށާއި، ގާސިމަކީ އެތަކެއް ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ވަރުގަދަ ޝަޚުޝިއްޔަތެއް ކަމަށް މުފީދު ވިދާޅުވިއެވެ. ގާނޫނާ ހިލާފަށް ގާސިމް ހައްޔަރުކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުންދާ ކަމަށްވެސް މުފީދު ވިދާޅުވިއެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހީމް ހައްޔަރުކުރީ އެމަނިކުފާނު ދިރިއުޅުއްވާ މާފަންނުވިލާގައި ހުންނަވަނިކޮށް ބުރާސްފަތި ދުވަހުގެރޭ 7:30 ހާއިރުއެވެ. ގާސިމް ހައްޔަރުކުރުމާ ގުޅިގެން ވަރަށްގިނަ ބަޔަކު ގެންދަނީ އެކަން ކުށްވެރިކޮށް ގާސިމް ދޫކޮށްލުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ