ފަހަތުން އަރާ ވެލެންސިޔާގެ މައްޗަށް ކުރި ހޯދާ ނިއު އެއްވަނައިގައި ހަމަޖެހިލައިފި

ފަހަތުން އަރާ 1-3 ގެ ނަތީޖާއަކުން ކްލަބް ވެލެންސިޔާގެ މައްޗަށް ކުރި ހޯދާ ލީގުގައި އެއްވަނައިގައި ނިއުރޭޑިއަންޓުން ހަމަޖެހިލައިފި އެވެ.
މި މޮޅާއެކު ނިއު ލީގުގެ އެއްވަނައިގައި އޮތީ 30 ޕޮއިންޓާއެކީގަ އެވެ. ނިއުއަށް ވުރެ އެއް މެޗު މަދުން ކުޅެގެން ލީގުގެ ދެވަނައިގައި 25 ޕޮއިންޓާއެކީ އޮތީ މާޒިޔާ އެވެ. މި މެޗުން ބަލިވި ވެލެންސިޔާ އޮތީ 10 ޕޮއިންޓާއެކީ ލީގުގެ 6 ވަނަ މަގާމުގަ އެވެ.
މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ވެލެންސިޔާއިންނެވެ. ނަވާއު ދިން ޕާހަކުން މި ގޯލް މެޗުގެ 22 ވަަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރ އަހުމަދު ނިޝާން (ކާނޫ) އެވެ.
ނަމަވެސް މެޗުގެ 31 ވަނަ މިނެޓްގައި ފާސިރު ދިން ޕާހަކުން ނިއުގެ މިޑްފިލްޑަރ ޑޭވިޑް ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނިއުއިން ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑްނެގީ މެޗުގެ 62 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއިންނެވެ.
ވެލެންސިޔާގެ ނާއިހު އެޓީމުގެ ޕެނަލްޓީއޭރިއާގެ ތެރެއިން ބޯޅައިގައި އަތްލުމާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ މި މެޗުގައި ފުރަތަމަ ފަހަރަށް ނިއުއަށް ލީޑް ނަގައިދިން ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މުހައްމަދު އުމެއިރު އެވެ.
އަދި އޭގެ 2 މިނެޓްފަހުން އުމެއިރު ދިން ޕާހަކުން ނިއުގެ އަލީ ފާސިރު (ސެންޓޭ) ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ 67 ވަނަ މިނެޓްގައި ވެލެންސިޔާގެ ރިލްވާންއަށް ވަނީ ނަތީޖާގެ ފަަރަގު ކުޑަކޮށްލަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ނިއުގެ ޕެނަލްޓީއޭރިއާގެ ތެރޭގައި ހުހަށް ހުރެ އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަޑިމަތިން ބޭރަށެވެ.
މެޗަށްފަހު ވާހަކަދައްކަމުން ނިއުގެ ކޯޗު މިކާ ލޮންސްޓްރޯމް ބުނީ މިދިޔަ މެޗާ އަޅާބަލާއިރު ކުޅުންތެރިން މި މެޗުގައި ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މި މެޗުގައި ވެލެެންސިޔާއިން ވެސް ރަނގަޅު ފައިޓެއް ދިންކަން ނިއުގެ ކޯޗު މިކާ ވަނީ ފާހަގަކޮށްފަ އެވެ.
މެޗަށްފަހު ވެލެންސިޔާގެ ކޯޗު މުހައްމަދު ޝާހިދު ބުނީ މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި  ވެލެންސިޔާއިން އިން ނިއު ކޮޅަށް 1 ގޯލް ޖެހުމަކީ ވެސް ރަނގަޚު ކަމެއް ކަމަށެވެ. މި މެޗު ބަދަލުވެގެންދިޔައީ ނިއުއަށް ދިން ޕެނަލްޓީގެ ސަބަބުން ކަމަށާއި އެ ޕެނަލްޓީއާ އަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ޕެނަލްޓީއެއް ނޫންކަމަށްވެސް ޝާހިދު ބުންޏެވެ. މި މެޗުން ބަލިވި ނަމަވެސް ގަދަ 6 ކަށް އެރޭނެ ކަމުގެ އުއްމީދު ގެއްލުވާނުލާ ކަމަށްވެސް ޝާހިދު ބުންޏެވެ.
ލީގުގައި މިރޭ ވެސް ވަނީ މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި މަހިބަދޫ އެވެ.
މި މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ