ރައީސްކަމަށް ކުރިމަތިލެވޭ އުމުރު ކަނޑައަޅާ އިސްލާހަށް މައުމޫން ދެކޮޅު

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ދެކޮޅުކަމަށް ހާމަވާ މެސެޖްތަކެއް ލީކްކޮށްލައިފި އެވެ.
ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވައިބަރ މެސެޖްތަކުގައި ރައީސް މައުމޫން ވަނީ މިހާރު މަޖިލީހަށް ހުށައެޅި ކޮމެޓީން ފާސްކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމުގެ އިސްލާޙާއި ދެކޮޅުކަން ހާމަކުރައްވާފަ އެވެ.
ލީކްކޮށްލާފައިވާ މެސެޖްތަކަކީ ރައީސް މައުމޫން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކަށް ފޮނުއްވާފައިވާ ވައިބަރ މެސެޖްތަކެއްކަން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ މެންބަރުން ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
ރައީސް މައުމޫން ފޮނުއްވާފައިވާ މެސެޖްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙަށް އެމަނިކްފާނު ތާޢީދު ނުކުރައްވާކަމަށެވެ. އަދި އެ އިސްލާޙްގެ ސަބަބުން ވާނެހާވެސް ކަމަކީ ރައީސް އަބުދުﷲ ޔާމީންގެ އަގުވެއްޓުންކަމަށް މައުމޫން ވިދާޅުވިއެވެ.
"އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ ދޮށީ އުމުރު ކަނޑައެޅުމަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އޮންނަކަމެއް ނޫން." މައުމޫން ވިދާޅުވިއެވެ.
މި މެސެޖްތަކާއި ގުޅިގެން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކް ވަނީ އެ އިސްލާޙާއި ގުޅޭގޮތުން ޕީޖީ ގުރޫޕްގައި މަޝްވަރާކުރެވުނުކަމަށާއި، އެ ބައްދަލްވުމުގައި ނިންމާފައިވަނީ އިސްލާހަށް ތާޢީދުކުރުމަށްކަމަށް ވިދާޅުވެއެވެ.
އެކަމާއި ގުޅިގެން މައުމޫން ވަނީ އެކަމާއި ވަރަށް ހިތާމަކުރައްވާކަމަށް ވިދާޅުވެ ބަސްނުވިކޭ މީހަކު ޕީޕީއެމްގެ ރައީސްކަމުގައި ހުރުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ މަޖިލީސް މެންބަރު މުހައްމަދު އިސްމާޢީލް ހުށައެޅި މި އިސްލާޙަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުން ވަކިކުރެއްވުމަށްފަހު ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް އެ މަގާމަށް ގެނައުމުގެ ކުރެވެމުންދާ މަސައްކަތެއްކަމަށް ދަނީ ވާހަކަތައް ދެކެވެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމަށް އަދީބު މިއަހަރުގެ ތެރޭގައި ގެންނަން ބޭނުންވާނަމަ އެކަން ކުރެވޭނީ ގާނޫނު އަސާސީގައިވާ އުމުރު ދަށްކޮށްގެންނެވެ. އަދީބުގެ މިހާރުގެ އުމުރަކީ 34 އަހަރެވެ.
މި އިސްލާޙް ފާސްވެއްޖެނަމަ ރައީސް މައުމޫނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެރިކަމަށް ކުރިމައްޗެއް ނުލެއްވޭނެއެވެ. ގާސިމް އިބްރާހިމް ވަނީ އިސްލާޙަށް ތާއީދުކުރައްވާނެކަމަށާ އަދި ރައީސްކަމަށްވެސް ދެން ކުރިމަތިނުލައްވާނެކަމަށް އިއުލާންކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ