މާދަމާއިން ފެށިގެން 72 ގަޑިއިރަށް ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް

މާދަމާއިން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރުގެ ވަގުތުކޮޅަކަށް ރާއްޖޭގެ އެކިހިސާބަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށާއި ދޭތެރެ ދޭތެރެއިން ވާރޭވެހި ގުގުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ ރާއްޖޭގެ އެކިހިސާބަށް ވައިގަދަ ވަނީ ބޭއޮފް ބެންގޯލްގެ މެދުތެރޭ ހިސާބުގައި އުފެދިފައިވާ ލޯޕްރެޝާ އޭރިއާއާއި ގުޅިގެން ކަަމަށެވެ.
މިގޮތުން މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް އެވްރެޖް ގޮތެއްގައި އުތުރާއި އިރު އުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
މާދަމާ ރާއްޖޭގެ މޫސުން ގޯސްވާނެތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ