ހަވީރު ނޫހާއި އޮންލައިންގައި ޒާހިރުގެ ހިއްސާއެއް ނެތް: އެޗްއެމްޖީ

ހަވީރު ނޫހާއި ހަވީރު އޮންލައިންގައި ހ. ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސައިން ހުސައިންގެ ހިއްސާއެއް ނޯންނާނެ ކަމަށާއި އެއީ ހަވީރު މީޑިއާ ގްރޫޕް (އެޗްއެމްޖީ) މިލްކެއް ކަމަށް އެޗްއެމްޖީ އިން ބުނެފި އެވެ.
ހަވީރު މީޑިއާ ގުރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ އެކުންފުނީގެ ދަށުގައި ރަޖިސްޓްރީ ކުރެވިފައިވާ އެކުންފުނީގެ މިލްކެއް ކަމަށެވެ. އަދި އެކުންފުނީގެ ޒާހިރުގެ ހިއްސާއެއް ނެތް ކަމަށާ އަދި ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ އެޗްއެމްޖީގެ މިލްކުގައިވާ ތަކެތި ނޫން ކަމަށް ޝަރުއީ ކޯޓަކުން މިހާތަނަށް ކަނޑައަޅާފައި ނެތް ކަމަށެވެ.
ހަވީރު ނޫހާއި ހަވީރު އޮންލައިން މިވަގުތު ޝާއިރުކުރަމުން ނުދަނީ އުފެދިފައިވާ ހިލާފަކާ ގުޅިގެން އެކަމުގައި ގާނޫނީ ލަފާ ހޯދަމުންދާތީ ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ހަވީރު މީޑިއާ ގުރޫޕްގެ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނެ ކަމަށްވެސް އެޗްއެމްޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސިވިލް ކޯޓުން ހަވީރަށް އަމާޒުވާ ގޮތަށް އަމުރެއް ނެރުނީ އެ ނޫހުގެ މިލްކުވެރިކަމާއި މެދު ހުށައަޅާފައިވާ މައްސަލަ އަކާއި ގުޅިގެންނެވެ. އަދި ވަގުތީ އަމުރު ނެރެފައިވަނީ ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު ހުށަހަޅާފައިވާ މައްސަލަ ނިމެންދެންނެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހަވީރު ނެރުން ހުއްޓާލުމަށް ވަގުތީ އަމުރު ނެރުނީ ދައުވާ ކުރާ ތިން މީހުންގެ 75 ޕަސެންޓް ހިއްސާ ހަވީރުގައި އޮތުމާއި މިހާރު ހަވީރު ހިންގާ ހ. ނީލްވިލާ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން މައްސަލަ ހުށަހެޅި ދެ ފަރާތަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި ފާރޫގާއި ރަޝީދަކީ ވަގުތީ އަމުރަށް އެދުުމުގެ ސިފަ ލިބިގެންވާ ދެމީހުން ކަމަށް ވެސް ސިވިލް ކޯޓުގެ އަމުރުގައިވެ އެވެ.
ހަވީރު ނޫހާއި ހަވީރު އޮންލައިން ނެރުން ހުއްޓާލުމަށް ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރުނުއިރު ހަވީރު ނޫސް އެޖެންސީއަކީ އެނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުއާގެ އިބްރާހިމް ރަޝީދުގެ އިތުރުން ހ. ޓައިމްލެސް މުހައްމަދު ނައީމް ހިއްސާ ވެސްވާ ތަނެއް ކަމަށް ބުނެ މިދިޔަ އަހަރުގެ އޮގަސްޓު މަހު ހައި ކޯޓުން ވެސް ވަނީ ހުކުމް ކޮށްފަ އެވެ. ހައި ކޯޓުން ކުރި ހުކުމުގައި މިހާތަނަށް ހަވީރު ނިއުސް އެޖެންސީއަށް ލިބިފައިވާ ފައިދާގެ ތެރެއިން ރަޝީދު، ފާރޫގެ އިތުރުން ނައީމަށް ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއްބައި ދިނުމަށް ވަނީ އަންގާފަ އެވެ.
ހަވީރު ނޫހުގެ މިލްކްވެރިކަމާ ގުޅޭގޮތުން ހައިކޯޓުން ނިންމި މި މައްސަލަ އިސްތިއުނާފް ކުރެއްވުމަށް ހަވީރު ނޫހުގެ ޗެއާމަން އަދި މިދިޔަ ދުވަސްތަކުގައި ހަވީރު ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓެވި ޑރ. މުހައްމަދު ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބޭރުކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ