1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހި ޙާއިނުންގެ ބަޔަކު ޓެރަރިސްޓު ޖަމާއަތަކާއި ގުޅިގެން ރާއްޖެ އަރައި ހިންގި އުދުވާނުގައި ޝަހީދުވެގެންދިޔަ ކޯޕްރަލް ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދާއި މަންމަ އައިޝަތު ހަސަން ހައްޖަށް ފޮނުވުމަށް ނިންމައިފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު “ވަގުތަށް” މައުލޫމާތުދެއްވަމުން މިރޭ ވިދާޅުވީ ހދ.ކުޅުދުއްފުއްޓަށް މިދިޔަ އަހަރުގެ ތެރޭގައި ކުރި ދަތުރެއްގައި ހުސެއިން އާދަމްގެ ބައްޕަ އާއި މަންމަ އާއި ބައްދަލުވި ކަމަށާއި އެ ބައްދަލުކުރެއްވުމުގެ ސަބަބުން ހުސެއިން އާދަމްގެ ބައްޕަ އާއި މަންމަ ހައްޖަށް ނުދާ ކަން އެނގިވަޑައިގެންނެވި ކަމަށެވެ.
ހުސެއިން އާދަމްގެ ބައްޕަ އާއި މަންމަ ހައްޖަށް ފޮނުވުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކަމަށް ނިހާން ވިދާޅުވި އެވެ.
އާދަމް މުހައްމަދާއި އައިޝަތު ހަސަން ހައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ މިއަހަރު ކަމަށާއި ދެމީހުންނާއިއެކު އެހީތެރިއެއް ވެސް ހައްޖަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
“މިކަން އެނގުމާއިއެކު (ހައްޖަށް ނުދާކަން) ރައީސް މައުމޫންގެ ލަފާފުޅުގެ މަތިން މަސައްކަތް ކުރީ މިކަން ކާމިޔާބުކުރަން، އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުމިވީ، ޑިފެންސް މިނިސްޓްރީގެ އެހީތެރިކަން ވެސް މިކަމުގައި ލިބިފައިވަނީ.” ނިހާން ވިދާޅުވި އެވެ.
“ވަގުތަށް” އެނގިފައިވާ ގޮތުގައި އާދަމް މުހައްމަދާއި އައިޝަތު ހަސަން ހައްޖަން ފޮނުވުމުގައި ފައިސާގެ ގޮތުން އެހީތެރިކަން ދެއްވާފައިވަނީ ރައީސް މައުމޫންގެ އަންހެން ކޮއްކޮއެއްގެ ފިރިމާހާ އަދި ނަސަންދުރާ ހިންގެވުމާއި ހަވާލުވެހުންނެވި އަހުމަދު މަނިކެވެ. އަހުމަދު މަނިކަކީ ރައީސް ޔާމީންގެ ވެސް ޅިޔަނެކެވެ.
ސިފައިންގެ މައި މަރުކަޒަށް ހަމަލާދިން ވަގުތު އެމަރުކަޒުގެ މައި ގޭޓުގައި ޓާސްކް ފޯސް ޑިއުޓީގައި ތިއްބެވި ދެބޭކަލުންގެ ތެރެއިން އެއްބޭކަލަކީ ކޯޕްރަލް ހުސެއިން އާދަމް އެވެ. ދުޝްމިނުން ދެމުންގެންދިޔަ ބަޑީގެ ނުރައްކާތެރި ހަމަލާތަކުން ސިފައިންގެ މައި މަރުކަޒު ދިފާއުކުރެއްވުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް، އެހަމަލާއިން ކޯޕްރަލް ހުސެއިން އާދަމް ހަށިގަނޑުގެ އެތަން މިތަނަށް ވަޒަން އަރައި ޝަހީދުވި އެވެ.
ކޯޕްރަލް ހުސެއިން އާދަމްއަކީ މިއުދުވާނީ ހަމަލާގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ތެރޭގައި ސިފައިންގެ މައި މަރުކަޒު ދިފާއުކުރެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ކެރުމާއި ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާ ބަތޮލެކެވެ.
ކޯޕްރަލް ހުސެއިން އާދަމް ޝަހީދުވިއިރު އޭނާ ސިފައިންގެ ހިދުމަތުގައި އުޅުއްވާތާ 4 އަހަރާއި 5 މަހާއި 24 ދުވަސްވެއްޖެ އެވެ.
ކޯޕްރަލް ހުސެއިން އާދަމްގެ ހިތްވަރުގަދަ ގައުމީ ޖިހާދުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރައްވާ ޕްރައިވެޓެއްގެ މަގާމުން ކޯޕްރަލްގެ މަގާމުގެ ކުރިއެރުންދެއްވާ ހުރަވީ ރަން މެޑަލް އާއި ޖިހާދުގެ ރަތް މެޑަލް އާއި ތިނެއް ނޮވެމްބަރުގެ މެޑަލް ދެއްވާފައިވެ އެވެ.
ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާއި މަންމަ ހައްޖަށް ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ