ހޫނު ޚަބަރު: ދަނޑުވެރިކަން ކުރުމުގެ ބަހަނާގައި ރާއްޖެ ގެންނަ އިޒްރޭލުގެ ޒަޔަނިސްޓުންގެ ގްރޫޕް ފިއްލަދޫ އަށް ނާރުވަން ރައްޔިތުން ނިންމައިފި
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދަނޑުވެރިކަން ކުރުމުގެ ނަމުގައި ރާއްޖެ ގެންނަ އިޒްރޭލުގެ ޒަޔަނިސްޓުންގެ ގްރޫޕް ހއ. ފިއްލަދޫއަށް ދިއުމަށް ހަމަޖެހިފައިވާތީ އެ ޒަޔަނިސްޓުން އެރަށަށް ނޭރުވުމަށް އެރަށުގެ ރައްޔިތުން ނިންމައިފިއެވެ.ރައްޔިތުން މިގޮތަށް ނިންމާފައި ވަނީ އިޒްރޭލުގެ ދަނޑުވެރިން ރަށަށް ނޭރުވުމަށް އެދި ރަށުގެ ގިނަބައަކު ސޮއިކޮށް އިއްޔެ ރަށު ކައުންސިލަށް ޤަރާރެއް ހުށަހެޅުމާއި ގުޅިގެން ކައުންސިލުން ރައްޔިތުންނާއިއެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.ފިއްލަދޫގެ ރައްޔިތަކާއި ޙަވާލާދީ “މިއަދު” ނޫހުން ބުނެފައި ވަނީ ރައްޔިތުން އެއްވުމަށް ގޮވާލުމުން އެރަށު ރައްޔިތުންގެ މާބޮޑު ތަރުޙީބެއް ކުރިން ނުދިން ނަމަވެސް ނިޞްބަތުން ބަލާއިރު ރޭ ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ. އޭނާ ބުނެފައި ވަނީ އެއްވި ރައްޔިތުންގެ ތެރެއިން އެންމެ ދެ މީހުން ފިޔަވައި އެންމެން ވޯޓު ދިނީ އިޒްރޭލު ރައްޔިތުން ރަށަށް ނޭރުވުމަށް ކަމަށެވެ. އެދެމީހުން ވަކިގޮތަކަށް ވޯޓެއް ނުދޭ ކަމަށާއި، އެރިޔަސް ނޭރިޔަސް އެދެމީހުންގެ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ދެން ތިބި އެންމެން ވޯޓު ދިނީ އެމީހުން ރަށަށް ނޭރުވުމަށް ކަމަށް އޭނާ ބުނެފައި ވެއެވެ.ފިއްލަދޫ ރައްޔިތުންނާއި ޙަވާލާދީ އެނޫހުން ބުނާ ގޮތުގައި އިޒްރޭލުގެ ދަނޑުވެރިން އެރަށަށް އައިސް ކޮށްދޭނެ އެއްވެސް ކަމެއް އެރަށަކު ނެތެވެ.“އެމީހުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އަހަރެމެންގެ ފަލަސްޠީނު އަޚުންގެ ލޭބުއިން ހުއްޓާލުން. އަހަރެމެންގެ އަޚުންގެ ލޭ ބޮމުން އަހަރެމެންނަށް ވެވޭނެ އެހީއެއް ނޯންނާނެ. ސްޓޭޓް މިނިސްޓަރ ޝާފިއާގެ ރަށެއް އޮތިއްޔާ އެރަށަކަށް ގެންދޭ. އެއަސްވުރެ ރަނގަޅު ވާނީ ޝާފިއާ އިޒްރޭލަށް ބަދަލުވުން ކަމަށް ފިއްލަދޫ ރައްޔިތުން ދެކެނީ.” އެރަށު ރައްޔިތުންގެ ޝުޢޫރު ފާޅުކޮށްފައި ވެއެވެ.ޒަޔަނިސްޓުންގެ ގުރޫޕެއް ކަމަށްވާ “ޓެޝޫވާ އެގްރިކަލްޗަރ” ކިޔާ ބަޔަކު ދަނޑު ހެއްދުމުގެ ބަހަނާގައި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ގްރޫޕާއި ދިވެހި ސަރުކާރާއި ދެމެދު ބަދަލު ކުރެވުނު އީމެއިލް ތަކުން އެމީހުން ރާއްޖޭގައި “ދަނޑުވެރިކަން ކުރާ” ބިމުގެ މިލްކުވެރިކަން އެމީހުންނަށް ލިބޭނޭތޯ ވާހަކަ ދައްކާފައި ވާކަމަށް ސާފުކޮށް އެނގިފައިވާ ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ މިއަދުގެ ސަރުކާރުގެ ވެރިން ރާއްޖޭގެ ރަށްތައް މިފަދަ މީހުންނަށް މިލްކުކޮށް ނުދޭނެޔޭ ބުނެވޭ ފަދަ ވަފާތެރި ކަމެއް ދީނަށްވެސް އަދި ގައުމަށްވެސް އެމީހުންގެ ފަރާތުން ސާބިތު ވެފައި ނުވާ ކަމީ މިއަދު ރާއްޖެއާއި ކުރިމަތި ވެފައިވާ މުސީބަތެއް ކަމަށް ޢަދާލަތުން ސިފަކުރެއެވެ. އެގޮތުން ޢަދާލަތުން ތުހުމަތުކުރާ ގޮތުގައި ޅ. އަތޮޅު ދިއްފުށިމާދޫ ގައި ކުރިއަށް ގެންދާ މަޝްރޫޢަކީ ވެސް އިޒްރޭލުގެ ޒަޔަނިސްޓުންނަށް ދިވެހި ސަރުކާރުން ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.ޢަދާލަތުން ދަނީ ހއ. ފިއްލަދޫ، މާފަހި، ހދ. ހަނިމާދޫ އަދި އައްޑު ސިޓީގެ ރައްޔިތުން މި ޒަޔަނިސްޓުންގެ ގުރޫޕުގެ ޙަރަކާތްތަކަށް ފާރަވެރިވެ ތިއްބެވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އަދި އެ ޒަޔަނިސްޓުންނާއި ކުރިމަތިލުމުގައި، ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދޭ ނުރުހުން ފާޅުކުރުމުގެ ޙައްޤުގެ ބޭނުން އޭގެ އެންމެ ފުރިހަމަ މިނަށް ހިފުމަށް ޢަދާލަތުން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ