ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޝަހީދު މުޙައްމަދުގެ ނަން ފާސްކޮށްފި

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ވައިޖެހޭގެ/ގއ.ވިލިގިލި ޝަހީދު މުޙައްމަދުގެ ނަންފުޅު 61 މެންބަރުން އިއްތިފާގުން ފާސްކުރައްވައިފިއެވެ.
ސިވިލް ސއރވިސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރެއްވި އިޢުލާނަށް އިޖާބަދެއްވި ފަރާތުގެ ނަންފުޅު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ތަޅުމަށް ހުށަހަޅުއްވައިދެއްވީ ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ.
ބުދަ ދުވަހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާން ހުށަހަޅުއްވާފައިވާ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/3) އަށް އިޞްލާޙު ގެނައުމުގެ ބިލު 47 މެންބަރުންގެ އަޢުލަބިއްޔަތުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި 7 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ވަނީ ފޮނުއްވައިފައެވެ
މިބިލު، 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައިވަނީ، 47 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. 2 މެންބަރަކު ވަނީ ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފަ އެވެ
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު،ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ