ހަމަލާ އަމާޒުކޮށްފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން: އުމަރު ނަޞީރު

ސެޕްޓެމްބަރު މަހުގެ 28 ވަަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައިލައިގެން ދިން ހަމަލާ އަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ސީދާ އެމަނިކުފާނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައްސަލަ ތަޙްޤީޤް ކުރުމަށް ރައީސުލްޖުމްހޫރއްޔާ އުފައްދަވާފައިވާ ނޭޝަނަލް އިންކްއަރީ ކޮމިޝަނުގެ އިސް ބޭފުޅަކަށް ހުންނެވި ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ ހަމަލާ އަމާޒުކޮށްފައިވަނީ ލޯންޗްކޮޅުގައި ތިއްބެވި ހުރިހައި ބޭފުޅުން އަވަހާރަކޮށްލުމަށް ނުވަތަ ލޯންޗްކޮޅު ފައްތައިލުމަށް ނޫންކަން ކަންކޮށްފައިވާ ގޮތުން ޔަޤީން ކުރެއްވޭ ކަމަށެވެ.
އުމަރު ނަޞީރު ވިދާޅުވީ ވެރިކަން ބޭނުންވެގެން ވެރިކަމުގެ ދަހިވެތިކަމުގައި މިބާވަތުގެ އަމަލެއް ހިންގާއިރު ދައުލަތުގެ އިސް ހުރިހައި ބޭފުޅުން އެއްފަހަރާ އަވަހާރަކޮށްލަން އަމާޒު ނުކުރާނެ ކަމަށާއި އެއީ "އުކުޅެއް" ކަމަށެވެ.
ލޯންޗްކޮޅުގައި ގޮއްވައިލި އެތި ގޮއްވައިލުމުން ލޯންޗްކޮޅަށާއި ޢާންމުކޮށް ރައީސުލްޖުމްހޫރިއްޔާ އިށީނދެވަޑައިގެން އިންނަވާ ގޮނޑިކޮޅަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯތައް މިބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.
އުމަރު ނަޞީރު ވިދާޅުވީ އެ ކެބިނުގައި އެއަރކޮންޑިޝަނެއް ނުހުންނަ ކަމަށާއި ހުންނަނީ ހަމައެކަނި އެއަރކޮންޑިޝަނުގެ ފަންކާބައި ކަމަށެވެ. އަދި އެބައިވެސް ވިއްސައިގެން ގޮސްފައިވާ ކަމަށެވެ.
ހަމަލާއިން ލިބުނު ގެއްލުންތައް ކުޑަވެގެންދިއައީ ހަމަލާއާއިއެކު ލޯންޗްކޮޅުގެ ބިއްލޫރިގަނޑު ތެޅި ވައި ބޭރުވުމުންކަން އަންގައިދޭ ފޮޓޯތަކެއްވެސް ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ