ނައިޖީރިޔާގެ މައްޗަށް ކުރި ހޯދާ އާޖެންޓީނާ ގްރޫޕުގެ އެއްވަނަޔަށް

މެސީގެ ދެ ގޯލާއެކު އާޖެންޓީނާ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މިރޭ ވޯލްޑްކަޕުގެ ގްރޫޕް އެފްގައި ނައިޖީރިޔާއާ ދެކޮޅު ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ މެޗު ފެށިގެން 3 މިނިޓު ނުވަނީސް އާޖެންޓީނާގެެ ކެޕްޓަން މެސީއެވެ. ޑިމަރިޔާ ފޮނުވާލި ބާރު ބޯޅައެއް ގޯލް ދަނޑީގައި ޖެހި ބޭރުވި ވަގުތު މެސީ ފޮނުވާލި ބޯޅަ ގޯލަށް ވަދެގެން އާޖެންޓީނާއިން ލީޑު ނެގި ނަމަވެސް މި ލީޑޫ އެ ޓީމަށް ދެމެހެއްޓުނީ އެންމެ މިނިޓަކަށެވެ. މެޗުގެ 4 ވަނަ މިނިޓުގަިއ ނައިޖީރިޔާގެ އަހްމަދު މޫސާ އަރާ ގޯލެއް ކާމިޔާބު ކޮށްދީ ނައިޖީރިޔާއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނުމާއެކު ދެން ދެ ޓީމުގެ ފަރާތުންވެސް ފެންނަް ފެށީ ހަމަ ހަމަ ކުޅުމެކެވެ.
ނަމަވެސް ދެ ޓީމުގެ ދެމެދުގައި އެއްވަރު ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަނެއްކާވެސް އާޖެންޓީނާއަށް ލީޑު ނަގައިދިނީ ޖެހި ޖެހިގެން 4 ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ މެސީއެވެ. ހިލޭ ޖެހުމަކުން ހިތްގައިމު ކަމާއެކު ގޯލަށް ފޮނުވާލައިގެން މެސީ މި ގޯލް ކާމިޔާބު ކުރީ އޭގެ ކުރިން ޖެހި ހިލޭ ޖެހުމެއް ނައިޖީރިޔާގެ ކީޕަރ އެންޔީމާ ދިފާޢުކޮށްފައިވަނިކޮށެވެ.
މި ނަތީޖާއާއެކު މި ދެ ޓީމް ފުރަތަމަ ހާފް ނިންމާލުމަށްފަހު ދެވަނަ ހާފް ފެށިގެން ދިޔައީ ފުރަތަމަ ހާފާއި ދާދި އެއްގޮތަކަށެވެ. ނައިޖީރިޔާއިން ދެވަނަ ހާފުގެ 3 ވަނަ މިނިޓުގައި އަނެއްކާވެސް ގޯލެއް ކާމިޔާބު ކޯށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްދިނެވެ. މި ގޯލް ކާމިޔާބު ކޮށްދިނީ އަނެއްކާވެސް އެ ޓީމުގެ އަހްމަދު މޫސާއެވެ. މި ގޯލާއެކު އަނެއްކާވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައިވެސް ފެނުނު ފަދައިން ވަގުތުން އާޖެންޓީނާ އިތުރު ގޯލެއް ޖެހި ތަނެވެ.އެ ޓީމުގެ ރޯހޯ ކާމިޔާބު ކޮށްދިން މި ގޯލާއެކު އާޖެންޓީނާ ހަމަ ޖެހިލި ނަމަވެސް ދެ ޓީމަށްވެސް މި މެޗުގައި ނަތީޖާ އިތުރަށް ބަދަލު ކޮށްލުމުގެ ފުރުސަތު ލިބި ބޭކާރުވެފައިވެއެވެ.
ވަކިން ޚާއްސަކޮށް މެޗުގެ ފަހު ވަގުތު ކޮޅުތެރޭގައި ނައިޖީރިޔާގެ އަހްމަދު މޫސާއަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެއެވެ. މި ނަތީޖާއާއެކު ދެ މި ދެ ޓީމްވެސް ދެވަނަ ބުރަށް ދަތުުރު ކޮށްފައިވާއިރު މި ދެ ޓީމް ބައްދަލު ކުރަން ޖެހޭ ޓީމެއް ކަށަވަރު ވާނީ މިރޭ ކުޅެވޭ ގްރޫޕް އީގެ މެޗުތަކަށް ފަހުއެވެެ. އެގޮތުން ގްރޫޕް އީގައި މިރޭ ބައްދަލު ކުރާނީ ފްރާންސާއި އިކުއެޑޯގެ އިތުރުން ސްވިޒަލޭންޑާއި ހޮންޑޫރާސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ