ރާއްޖޭގެ ޤާނޫނީ ވެރިކަން ނަގަހައްޓާނެކަމުގެ ޔަޤީންކަން ސުޕްރީމް ކޯޓުން ދީފި

ރާއްޖޭގެ ޤާނޫނީ ވެރިކަން ނަގަހައްޓާނެކަމުގެ ޔަޤީންކަން ސުޕްރީމް ކޯޓުން ދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސްޕްރީމް ކޯޓުން އަންގާރަދުވަހު ނެރެފައިވާ ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ:
"ފުރިހަމަ ސިޔާދަތާއި މިނިވަންކަން ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރަްއކައުތެރިކުރުމަށާއި ފަރުދުންނާއި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށާއި ދިވެހިޤައުމުގައި އަމަން އަމާންކަން ޤާއިމުވެފައި އޮތުން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހި ރާއްޖޭގެ ސްޕްރީމްކޯޓަށް ލިބިފައިވާ ބާރުގެދަށުން ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ދަމަހައްޓާނެކަމުގެ ޔަޤީންކަން އަރުވާއިރު ދިވެހިރާއްޖޭގައި އަމަންއަމާންކަން ޤާއިމުވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތީން އަޅަމުންގެންދާނެކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ." މިފަދައިންނެވެ.
މިފަދަ ބަޔާނެއް ސްޕްރީމް ކޯޓުން ނެރުނީ ކޮންކަމަކާއި ގުޅިގެންކަން ސްޕްރީމް ކޯޓުން ހާމަކޮށްފައި ނުވި ނަމަވެސް ސުޕްރީމް ކޯޓުން މިމޭރުމުން ބަޔާނެއް ނެރެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދަތުރުފުޅުކުރައްވަމުންގެންދެވި ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ހޯމަ ދުވަހު ހިނގި ހާދިސާއަކީ ނުރައްކާތެރި ހާދިސާއެއް ކަމަށް ސިފައިންނާއި ފުލުހުން ބުނެފައިވަނިކޮށެވެ.
މިހާދިސާގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް އަނިޔާއެއް ލިބިވަދައިގެންފައި ނުވި ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭކަނބަލަކަށާއި ރައީސުލްޖުމްހޫރިއްޔާގެ ހަށި ފާރަވެރިއަކަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.
މިހާދިސާއަކީ ބައަކު ދުރާލައި ޤަޞްދުގައި ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ގިނަ ބައަކު ދަނީ ތުހުމަތުކުރަމުންނެވެ. ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް މުޢާޛް ޢަލީ ވިދާޅުވެފައިވަނީ މިކަމުގެ ސަރުކާރުގެ ބަހެއް ހާމަކުރައްވާނީ ތަޙްޤީޤް ނިމުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ