އެމްޑީޕީ އިން މާލޭ ސިޓީ ކައުންސިލް ހިންގާ އިރު އެކައުންސިލުން އަދާކުރަން ޖެހޭ ދައުރު އަދާ ނުކުރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންއިން މާލޭ ސިޓީ ކައުންސިލް އަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްޑީޕީ އިން މިހާރު މާލޭ ސިޓީ ކައުންސިލް ހިންގަމުންދާ އިރު ކަންތައްތައް ކުރަމުންދަނީ އެއްވެސް ދައުރެއް އަދާނުކޮށް ވާދަވެރި ސިޔާސީ ޕާޓީތަކާއި ދެކޮޅަށް "ޖެއްސުން" ކުރަމުން ކަމަށެވެ.
"އެމްޑީޕީ މާލޭ ސިޓީ ކައުންސިލްގައި އޮތީމާ ވާގޮތަކީ ސިޓީ ކައުންސިލުން އަދާ ކުރަންޖެހޭ ދައުރު އެއް ގޮތަކަށް ވެސް އަދައެއް ނުކުރޭ. ހަގީގަތަކީ އެމީހުންނަކީ މުޅިން ސިޔާސީ ބަޔަކަށް ވެގެން ކަންތައް ކުރަމުން ގެންދަނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޯލިޝަނުން ކައުންސިލް އިންތިހާބް ކާމިޔާބް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ރަނގަޅަށް ކައުންސިލެއް ހިނގަނީ ކިހިނެއްކަން ކޯލިޝަންއިން ދައްކައިދޭނެ ކަމަށެވެ. ކޯލިޝަންގެ ސިޓީ ކައުންސިލުން މަސައްކަތް ކުރާނީ ރައްޔިތުނަށް ހިދުމަތްދިނުމަށާއި ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ސަރުކާރެއް ހިންގުމަށް މަޖިލިސް އިންތިހާބަކީ ވެސް ވަރަށް މުހިންމު އިންތިހާބެއް ކަމަށާއި ސިޓީ ކައުންސިލްތައް ކާމިޔާބުކޮށް މަޖިލިސް އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކޯލިޝަންއަށް އަލިއަޅުވާލައި ރައީސް މައުމޫން ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުނަށް ތާއީދުކުރުމަށް އަދާލަތު ޕާޓީއާ އެކު ރަސްމީކޮށް އެއްބަސްވުމެއް ހެދިފައިނުވި ނަމަވެސް ކޯލިޝަންއާއި އަދާލަތު ޕާޓީއާ ދޭތެރޭ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.
އެމްޑީޕީ އިން ސިޓީ ކައުންސިލް ހިންގާ އިރު ދައުރު އަދައެއް ނުކުރޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ