އިސްރާއީލުން ވައިގެ ހަމަލާދީ ފަލަސްތީނު މީހަކު ޝަހީދު ކޮށްލައިފި

އިސްރާއީލުގެ އުދުވާނީ ސިފައިން އަސްކަރީ މަތިންދާ ބޯޓް ބޭނުންކޮށްގެން މިއަދު ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނު މީހަކު ޝަހީދު ވެއްޖެއެވެ.
މިހަމަލާގައި ޝަހީދުވެފައިވަނީ އަބްދުލް ކަރީމް ރަޝްވާން ނަމަކަށްކިޔާ މީހެކެވެ.
މިހަމަލާގައި އިތުރު ތިންމީހުން ޒަޚަމްވެފައިވާ ކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން މިހަމަލާ ދީފައިވަނީ ޣައްޒާގެ ދެކުނުން ރަފަހްގެ އިރުމަތީ ސަރަހައްދަކަށެވެ.
އިސްރާއީލުގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، މަތިންދާ ބޯޓުން ހަމަލާދިނީ، ފުއްޕާ ހަމުގައި އަލިފާން ބޮން ހަރުކޮށްގެން އިސްރާއީލުގެ ތެރެއަށް ފޮވުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކަށް އަމާޒުކޮށް ކަމަށެވެ.
ހަމާސްއިން ފަހުން ބުނެފައިވަނީ، މިހަމަލާގައި ޝަހީދުވެފައިވަނީ އެ ޖަމާއަތުގެ މުޖާހިދެއް ކަމަށެވެ. އަދި އޭނާއަށް ތައުރީފްކޮށްފައިވެސް ވެއެވެ.
ބޮޑެތި ފުއްޕާހަމާއި، ބޮޑެތި ގުޑިތައް ބޭނުންކޮށްގެން އިސްރާއީލުގެ ތެރެއަށް އަލިފާންބޮން ފޮނުވުމުގެ ހަރަކާތްތައް ފަލަސްތީނުގެ ޒުވާނުން ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުން އެބަގެންދެއެވެ. މިގޮތުން އެކަން ކުރަނީ ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ބޭސްތަކުގައި ތިބެގެންނެވެ.
ފަލަސްތީނު މީހުން ފޮނުވާ އަލިފާން ބޮންތަކުގެ ސަބަބުން އިސްރާއީލުގެ އެތައްހާސް އޭކަރުގެ ދަނޑުބިންތައް އަންދާލާފައި ވެއެވެ. މީގެ ސަބަބުން އިސްރާއީލަށް އެތައްހާސް އެމެރިކާ ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.
މިކަމާހެދި އިސްރާއީލުން ގެންދަނީ ފަލަސްތީނު މީހުންގެ އެ އަމަލުތައް ހުއްޓުވަން ހަރުކަށި އެތައް ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ. އަދި ހަމާސްގެ ތަންތަން ކަމަށްބުނެ ޣައްޒާގެ އެތަން މިތަނަށް ވަރުގަދަ ވައިގެ ހަމަލާތައްވެސް ދެމުންގެންދެއެވެ.
ފަލަސްތީނު މީހުން ހުއްޓުވަން މިސްރުންވެސް ހަމާސްއަށް ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ