ޝަޒައިލްގެ މައްސަލަ ފައިލް ކޮށްފި

މަގާމުން ސަސްޕެންޑްކޮށްފައިވާ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްސަލަ ފުލުހުން ފައިލްކޮށްފިއެވެ.
ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުންނަށް ފޮނުވީ އޭސީސީންނެވެ. ޝަޒާއިލްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލައިގެ ތަހްޤީޤުގެ ތެރެއިން ކަމަށް އޭސީސީން ހާމަކުރެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ފައިލްކުރީ އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތުމުން ކަމަށެވެ.
އޭސީސީން ދަނީ ޝަޒާއިލްގެ މައްޗަށް ތުހުމަތު ކުރެވޭ، ފައިސާގެ މުޢާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައަކާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރި މައްސަލައަކާއި މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް ތަޙްޤީޤު ކުރަމުންނެވެ.
މި މައްސަލަތަކާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައި ހުންނަތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންގޮސްފައެވެ.
ޝަޒައިލް ސަސްޕެންޑް ކުރިއިރު މޯލްޑިވްސް ގޭހުން އަގުބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަ މައްސަލައެއް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން އަންނަނީ ބަލަމުން އެވެ.
މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް ޝަޒައިލް އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ