ފުރުސަތުގެ ބޭނުންހިފައި، ވެކްސިންޖަހައި، ބައްޔާދެކޮޅަށް ރައްކާތެރިކަން ހޯދާ: ރައީސް

ހުރިހާ އެންމެންވެސް ވެކްސިން ޖަހައި، ބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ދުނިޔޭގެ ކަންހިނގާ މަގަކީ، އެއްކަމެއްވެސް ތާއަބަދު އެއްގޮތެއްގައި ނޯވެ ބަދަލުވަމުން ދިޔުންކަން ފާހަގަކުރައްވާ ރައީސް ވިދަޅުވީ، މިއަދު މުޅި ދުނިޔެއަށް ހިޔަނި އަޅަމުންއެދަނީ، ކޮރޯނާ ވައިރަސްގެ ނުރައްކާ ކަމަށެވެ.
ރާއްޖެއަށްވެސް އެ ނުރައްކާ އެބައޮތް ކަމަށާއި، ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް އަޒުމެއްގައި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުން އެބަލިން ރައްކާތެރި ކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ކުރިއަރާފައިވާ ގައުމުތަކުން، ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށިކަމަށް ރައީސް ވިދާޅުވިއެވެ.
އެމަސައްކަތުން މިހާރު ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، ހުރިހާ ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް މުޅިން ހިލޭ ކޮވިޑް ވެކްސިން ޖަހައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ކޮވިޑްގެ ދަތިތަކަށްފަހު، ވިޔަފާރިތައް އަލުން ހިނގައިގަނެ، ސްކޫލް މަދަރުސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ، އަދި އާންމު އުސޫލުން ދަތުރުފަތުރުތައް ފެށޭނީވެސް، ރާއްޖޭގެ ވީހާ ގިނަ ބަޔަކު، ވެކްސިން ޖަހައި، ބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދައިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ފަށާފައިވާއިރު، މިހާތަނަަށް 1،578 މީހަކަށް ވެކްސިން ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ