ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައި ސަރުކާރު ތެރެއިން ނިކުމެވަޑައިގަތުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުން ކަމަށް މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިހާރު ދެބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން ފަޅިން ޕާޓީގެ ކައުންސިލަށް އައްޔަންކޮށްފައިވާ އުމަރު ނަސީރު ކުއްލިގޮތަކަށް ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. މަގާމުން އިސްތިއުފާ ދެއްވައި އުމަރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އެދުވަހުން ފެށިގެން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށާއި ރައީސް ޔާމީނާއި އެހެން ބޭފުޅުންވެސް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއްނުވެއެވެ. އޭގެ ފަހުން ސަރުކާރާއި ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން ގެންދެވި ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އުމަރު ހާމައެއްނުކުރައްވައެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވި އަސްލު ސަބަބަކީ ވެސް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވުން ކަމަށެވެ.
އޭނަ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތްއިރު މީހުންމެރުމާއި މާރާމާރީ ފަދަ ބޮޑެތި ކުށްތައް މުޖުތަމައުގައި އޮތީ ވަރަށް ބޮޑަށް އާންމުވެފައި ކަމަށެވެ. އެކަން އިސްލާހުކޮށް ގައުމުގައި އަމާންކަން ގާއިމުކުރުމަށް ކުރެއްވި މަސައްކަތުގެ ނަތީޖާ ވަރަށް ރަގަޅުކަން އުމަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އޭނަ ވިދާޅުވީ އެ މަސައްކަތުގައި ވެސް ސިޔާސަތު ރޭވުމުގައި ރައީސް ޔާމީނާ ދެބޭފުޅުން އެއްގަލަކަށް ނޭރި ކަމަށެވެ. އެހެންކަމުން މަގާމުން އިސްތިއުފާދެއްވައި ދުރާލާ ނިކުމެވަޑައިގަތީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މަގުފަހިކުރެއްވުމަށް ކަމަށް އުމަރު ވިދާޅުވިއެވެ.
"ވަކި ހިސާބަކަށް އެމަނިކުފާނު ދަތުރުކުރެއްވީމަ، އަޅުގަނޑު އެމަނިކުފާނުގެ ވަޒީރަކަށް ހުރެފައި އެމަނިކުފާނު ދަތުރުކުރައްވާ މަގު ކައްސާލައިގެން ދާކަމަށް ފެނުނީމަ ޔަގީންކުރެވިއްޖެ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ޖެހޭނެކަން. އަޅުގަނޑު ބޭނުމެއް ނުވި ސީދާ އެމަނިކުފާނު އަރިހުގައި ހުރެފައި ކުއްލިއަކަށް ނުކުމެ ޕްރައިމަރީގައި ވާދަަކުރާކަށް. އެހެން ހަދައިފިއްޔާ އެއީ އެމަނިކުފާނާއި ރައްޔިތުންނަށް ކުރެވޭ ޚިޔާނާތަކަށް އަޅުގަނޑު ދެކެނީ. އެހެންވެ ދުރާލާ ނުކުތީ ޕްރައިމަރީގައި ވާދަކުރަން. އެއީ ރައީސް ޔާމީން އަޅުގަނޑުމެން ގަބޫލުކުރާ މަގު ނޫން މަގެއް ޚިޔާރުކުރައްވައިގެން ވަޑައިގަންނަވާތީ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީން އަރިހު ދެއަހަރާއި އަށްމަސްދުވަހު މަސައްކަތް ކުރެއްވިއިރު ދެބޭފުޅުންނަކީ އެކުގައި މަސައްކަތް ކުރެއްވޭނެ ދެބޭފުޅުން ނޫންކަން އެމުއްދަތުގެ ތެރޭގައި ފާހަގަކުރެއްވުނު ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ދެބޭފުޅުން ގަބޫލުފުޅުކުރައްވާ ހަމަތަކާއި އުސޫލުތައް ތަފާތުވުމެވެ.
"އަޅުގަނޑު ގަބޫލުކުރާ ހަމަތަކާއި އަޅާ މިންތަކާ ރައީސް އަޅުއްވާ މިންތަކާ މުޅިން ތަފާތު. ދައުލަތުގައި މަސައްކަތް ކުރާއިރު އަޅުގަނޑުގެ އެންމެ އިސްވާޖިބެއް ކަމަށް ގަބޫލުކުރަނީ އަދުލުއިންސާފު ފޯރުކޮށްދިނުން. ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަދުލުވެރިކަމާއެކު ކަންކުރުމަށް އަޅުގަނޑުގެ ޕޯޓްފޯލިއޯ ތަންދޭ އެންމެ މަތީ މިންވަރުން މަސައްކަތް ކުރިން. އަޅުގަނޑު އަދުލުއިންސާފު ކިރާ މިންގަނޑަކުން ނޫން ރައީސް ޔާމީން ކިރުއްވަނީ" އުމަރު ވިދާޅުވިއެވެ.
އުމަރު މަގާމުން އިސްތިއުފާ ދެއްވިއިރު ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާއަށް ލިބިވަޑައިގަންނަވަންޖެހޭ ބައެއް ބާރުތައް ރައީސް އަބްދުﷲ ޔާމީން ވަނީ ހަނިކުރައްވާ އަދި ބައެއް ބާރުތައް ހިފަހައްޓަވާފައެވެ. ގޭންގްތަކުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި މޮނިކޮން އަމުރު ނެރުއްވައި ވަރުގަދަ މަސައްކަތްތަކެއް ގޭންގްތަކާއި ދެކޮޅަށް އުމަރު ކުރައްވަމުން ގެންދަވަނިކޮށް ރައީސް ވަނީ އުމަރުގެ އަތްޕުޅުން އެ ބާރު ނަންގަވައި އުމަރު ހިމެނިވަޑައިގަންނަވާ ވަކި ޚާއްސަ ކޮމިޓީއަކުން އެކަން ކުރަންޖެހޭ ގޮތަށް ހަމަޖައްސަވާފައެވެ.
ހޯމް މިނިސްޓަރުކަމުން އިސްތިއުފާދެއްވި އަސްލު ސަބަބަކީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވުން ކަމަށް އުމަރު ވިދާޅުވި ނަމަވެސް ޕްރައިމަރީއާމެދު ޕީޕީއެމް ތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައެވެ. ޕާޓީ ދެބައިވުމުގެ މައިގަނޑު އެއް ސަބަބަކަށް ވެސް މިކަން ވެއެވެ. 2018ގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނުމަށް އެދި ޕީޕީއެމްގެ ކައުންސިލުގެ 23 މެމްބަރަކު ސޮއިކުރައްވައި ޕާޓީގެ ރައީސް މައުމޫނަށް ހުށަހެޅުއްވި ޕެޓިޝަނަށް އެމަނިކުފާނު އިޖާބަނުދެއްވުމަކީ މައްސަލައިގެ ފެށުން ކަމަށް ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
މިކަމުގައި އުމަރު ވިދާޅުވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ރިޔާސީ ޓިކެޓު ހޯދަން އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާނަމަ ޕްރައިމަރީއެއް ބާއްވަން ޖެހޭނެ ކަމަށެވެ. ހިނގަމުންދާ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިތުރު ދައުރަަކަށް ޕާޓީގެ ޓިކެޓު ބޭނުންވިޔަސް އެކަމަށް އެދޭ އިތުރު މީހަކު ހުރިނަމަ ޕްރައިމަރީއަކަށް ނުގޮސް ޓިކެޓު ނުދެވޭނެ ކަމަށް އުމަރު ވިދާޅުވެއެވެ. އަދި ޕާޓީގެ ކައުންސިލަށް މިކަމުގައި ގޮތެއް ނުނިންމޭނެ ކަމަށާއި ގޮތް ނިންމަން ޖެހޭނީ ގައުމީ ޖަލްސާއަކުން ކަމަށް ވެސް އޭނަ ވަކާލާތުކުރައްވައެވެ.
އުމަރު ވިދާޅުވީ އޭނާއާއިއެކު ޕްރައިމަރީއަކަށް ވަޑައިގަންނަވަން ރައީސް ޔާމީނަށް ކެރިވަޑައިނުގަންނަވާނެ ކަމަށާއި ޕްރައިމަރީން ރައީސް ޔާމީން ބަލިވާނެކަން ޔަގީންވާ ކަމަށެވެ. އަދި ޕްރައިމަރީން ރައީސް ޔާމީން ކުރިހޯއްދެވިޔަސް ދެން އެމަނިކުފާނުގެ ފަހަތްޕުޅަށް ވަޑައިނުގަންނަވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރުގެ މިވާހަތަކަށް ރައީސް ޔާމީން ވަނީ އިއްޔެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނުސީދާކޮށް ރައްދުދެއްވާފައެވެ. އެގޮތުން ވިދާޅުވީ މިއަދުވެސް ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑޭޓުގެ ގޮތުގައި ކަމަށެވެ. އަދި ގޯސްހެދީ ކާކުތޯ ނުވަތަ ރަގަޅަށް ހުރީ ކާކުތޯ މި ބަހުސް ހުއްޓާލަން ވެއްޖެ ކަަމަށާއި އެ ބަހުސް ކޮށްގެން ކާމިޔާބެއް ވެސް ނުވާނެ ކަަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދިނީ ޕްރައިމަރީގައި ވާދަކުރަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ