ބައިބައިވުންބޮޑު ރިޔާސީ އިންތިޚާބުގައި އެމެރިކާ ރައްޔިތުން ވޯޓްލާން ފަށައިފި

އެމެރިކާގެ ރައީސްކަން ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއްގެ އަތްމައްޗަށް ދޫކޮށްލުމަށް ނުވަތަ މަހުޖަނެއްގެ އަތްމައްޗަށް ދޫކޮށްލުމާމެދު ގޮތެއް ކަނޑައެޅުމަށް އެމެރިކާގެ ރައްޔިތުން ވޯޓްލާން ފަށައިފިއެވެ.
ރާއްޖޭ ގަޑިން މިރޭ މެންދަމު އަދި ޖީއެމްޓީ ގަޑިން 17:00 ގައި އެމެރިކާގެ ވެރިރަށް ވޮޝިންޓަނާއި 50 ސްޓޭޓްގައިވެސްވަނީ ވޯޓްލާން ފަށާފައެވެ. ވަރޖިނިއާ، ފްލޮރިޑާ، މަންހަޓްންފަދަ ރަށްތަކުގައި ވޯޓްލާން ފެށުމާއެކު ދިގު ކިޔޫތައް ހަދާފައި ވެއެވެ.
ރިޕަބްލިކަން ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ވޯޓް ލައްވާފައިވަނީ ނިއުޔޯކްގެ މެންހަޓްންގައި ހުރި ވޯޓް ފޮށްޓަކަށެވެ. ޓްރަމްޕް ވޯޓްލާން މޮޓޮކޭޑްގައި ވަޑައިގަތުމާއެކުވެސް އެތައްބަޔަކުވަނީ "ނިއުޔޯކް ކަލެއަށް ނަފްރަތުކުރޭ" ފަދަ އިބާރާތްތައް ގޮވައި ނުރުހުން ފާޅުކޮށްފައެވެ.
ހިލަރީ ކްލިންޓަންއާއި އެކަމަނާގެ ފިރިކަލުން ބިލް ކްލިންޓަންވެސް ވަނީ މިއަދު ވޯޓްލައްވާފައެވެ. ނިއުޔޯކްގެ ޗަޕަކުއާގެ އެލިމެންޓަރީ ސްކޫލެއްގައި ބަހައްޓާފައި ހުރި ވޯޓްފޮށްޓަށް ވޯޓްލެއްވުމަށް ހިލަރީއާއި ފިރިކަލުން ވަޑައިގަތްވަގުތު އެތައް ސަތޭކަބަޔަކުވަނީ "މެޑަމް ޕްރެޒިޑެންޓް" އޭ ގޮވައި ތަރްހީބުގެ އަޑުއުފުލާފައެވެ.
ވޯޓްލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހިލަރީ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އަމިއްލަފުޅު ނަމަށް ވޯޓް ދެއްވުމަކީ އެންމެ އުފާވެރި އިހްސާސް ކުރެއްވުނު ވަގުތު ކަމަށެވެ.
މުޅި ދުނިޔެވެސް އިންތިޒާރު ކުރަމުން އަންނަ އަދި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ބަލައި ވަޒަންކުރަމުން އަންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓްލާން ފަށާފައިވާއިރު، އެމެރިކާގެ ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައިގަނޑު ދެ ކެންޑިޑޭޓުންނަކީ ސިޔާސަތުތަކާއި، ވިސްނުންފުޅާއި މިޒާޖުވެސް ދިމާ އިދިކޮޅު ދެބޭފުޅުންނެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓްލުން ފެށުމުގެކުރިން "ރިއަލްކްލިއަރޕޮލިޓިކްސް" އިން އާންމުކުރި ޚިޔާލު ހޯދުމުގެ ވޯޓްތަކުގެ އެވަރެޖުން ދައްކާފައިވަނީ ޑޮނަލްޑް ޓްރަމްޕަށްވުރެ ހިލަރީ ކްލިންޓަން 3.3 އިންސައްތައިގައި ކުރީގައި އުޅުއްވާ ކަމަށެވެ. އެހެން ނަމަވެސް، ހިލަރީއާ ދެމެދު އޮތް ފަރަގު ޓްރަމްޕަށް ކުޑަވެފައިވާ ކަމަށްވެސް ދައްކާފައި ވެއެވެ.
ރިޔާސީ އިންތިޚާބުގެ ލަފާކުރެވޭ ނަތީޖާ އާންމު ކުރެވޭވަރު ވާނީ ޖީއެމްޓީ ގަޑިން ބުދަދުވަހުގެ 3:00 ގައި ކަމަށް އެމެރިކާގެ މީޑިއާއިން ބުނެއެވެ.
އެމެރިކާގެ މުޅި ތާރީޚްގައިވެސް މީގެކުރިން ދުވަހަކުވެސް ނުދެކޭފަދަ ބައިބައިވުންތައް އުފެދުނު ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ރައްޔިތުން ވޯޓްލަމުން ގެންދާއިރު، އެމެރިކާގެ މުޖުތަމައުގައި ކަންބޮޑުވުންތަކެއްވެސް އުފެދިފައި ވެއެވެ. އެއީ، ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގެންފިނަމަ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނޭ ކަމަށް ވިދާޅުވެ ޑޮނަލްޑް ޓްރަމްޕް ކުރައްވާފައިވާ އިންޒާރުތަކެވެ.
ޓްރަމްޕް ތުހުމަތު ކުރައްވަމުން ގެންދަވަނީ ވެރިކަންކުރާ ޑިމޮކްރޭޓުންނާއި އެމެރިކާގެ މީޑިއާއިންވެސް އިންތިޚާބުގައި އޮޅުވާލުންތައް ހިންގަން ރާވާފައިވާ ކަމަށެވެ.
މިއަދު ވޯޓް ލެއްވުމަށްފަހު ނުކުމުވަޑައި ގަތްތަނުންވެސް އެކަމާ ބެހޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ "ވާނޭގޮތް އަދި ފެންނާނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ