މާފުށީ ޖަލުން ފިލައިގެން އުޅޭ ދެކުށްވެރިން ކަމަށްވާ ކ. މާލެ، ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް (23އ) އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު (26އ) ޖަލުން ފިލައިގެން ދިޔައީ ގާޑުންނަށް އޮޅުވާލަން ބާލީހުން މީހެއް ހަދާފައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ދެކުށްވެރިން ވެސް ފިލާފައިވަނީ ޖަލުގެ ޑިއުޓީތައް ބަދަލުވާ ގަޑި އާއި ޖަލުގައި "ބޯ ގުނާ" ގަޑިތަކާއި އެއްޗެހި ދިރާސާ ކުރުމަށްފަހު ވަރަށް ވިސްނުންތެރިކަމާއިއެކުގައި ކަމަށާއި ދެމީހުން ފިލުމުގައި ޕްރިޒަން އޮފިސަރުން ޒިންމާވާކަން މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިނުވި ނަމަވެސް ޕްރިޒަން އޮފިސަރުން ޒިންމާވާ ކަމުގައިވަނީނަމަ އެ އޮފިސަރުންނާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ހެނދުނު 6 ޖަހާއިރު ފުރަތަމަ ބޯ ގުނާނީ، ހެނދުނު 6 ޖެހިއިރު ބޯ ގުނިއިރު އެމީހުން ތިބި ކަމަށް ނުވަތަ މީހުން ގުނުމުގެ ތެރޭގައި އެމީހުން ތިބި ކަމަށް އަޅުގަނޑުމެން ތަހުގީގަށް ފެންނަނީ، ދެން އަޅުގަނޑުމެން ބޯ ގުނާނީ އެރޭ 6 ޖަހާއިރު، އެރޭ ބޯ ގުނިއިރު ވެސް ހިމެނިފައި އޮތީ." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
"މިހިމެނުނު ގޮތަކީ، މިމީހުން މިއޮތީ އެނދުގައި، ޑަމީއެއް ހަދާފައި ބާއްވާފައި، ބިއްދޮށަށް އެނބުރިފައި މީހެއް އޮންނަ ގޮތަށް ފެންނަ ގޮތަށް ހަދާފައި ބާއްވާފައި، އެހެންވީމަ ބޯ ގުނާ މީހުން، މީހުންނަށް ގޮވައި އެމީހުން ހޭލައްވައިގެނެއް ނޫން ބޯ ގުނަނީކީ، އޭނާ ބަލާނީ އެނދުގައި އެމީހާ އޮތްތޯ، ނުވަތަ ކޮޅަށް ހުރިތޯ." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޖަލުގެ ގައިދީން ގިނަ ފަހަރު ތިބެނީ ބެޑްޝީޓް އަޅައިގެން ނިދާފައި ކަމަށާއި އެހެން ނިދާފައި ތިބޭ މީހުން ކޮޅަކަށް ނުނަގާނެ ކަމަށެވެ. އެހެންކަމުން މި "ލޫޕް ހޯލް" އެނގުމާއިއެކު މިހާރު ޕްރޮޓޮކޯލްއަށް ބަދަލު ގެނެސްފައިވާ ކަމަށާއި ގައިދީއެއްގެ ބޯ ގުނި ކަމަށް ބަލާނީ އެ ގައިދީއަކު ހަރަކާތެއް ގެނައުމުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދެގައިދީން ފިލުމަކީ ޖަލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ލިބުނު ފުރުސަތެއް ކަމަށާއި އެގޮތުން ދެގައިދީން ފިލުމުގައި ބޭނުންކުރި "ލޫޕް ހޯލް" ބައްދާނެ ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ޖަލުން ކުށްވެރިން ފިލަމުންދާ ކަމަށާއި އެމީހުން ފިލަނީ ކޮން ތަންތަނަކުން ޖަލު ބަލަހައްޓާ މީހުންނަށް އެނގޭނީ އަބަދުވެސް ޖަލުން ގައިދީން "ދެމިގަތީމަ" ކަމަށެވެ.
އުމަރު ވިދާޅުވީ ދެގައިދީން ފިލީ ޖާލީގަނޑެއް 22 ތަނަކުން ކީހާލައިގެން އެހެން ގޮޅިއަކަށް ގޮސްގެން ކަމަށާއި ފިލައިގެން ދިޔައީ ބެޑްޝީޓުން ވަލެއް ހަދައިގެން އޭގެ އެހީގައި ކަމަށެވެ. ނަމަވެސް ދެ ގައިދީން ހޯދޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށާއި އެދެމީހުން މާފުށީގައި ތިބި ކަމެއް ނުވަތަ ނޫން ކަމެއް ކަނޑައެޅިގެން ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
މާފުށި ޖަލަކީ ރާއްޖޭގެ އެންމެ ހައި ސެކިއުރިޓީ ޖަލެވެ. ގާތްގަނޑަކަށް 700 ކުށްވެރިން ތިބޭ މި ޖަލުގެ ކަންކަން ބަލަހައްޓަމުން އަންނަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުންނެވެ. މާފުށީ ޖަލުގައި ތިބޭ ބޮޑެތި ކުށްވެރިންގެ ތެރޭގައި މީހުން މަރާއި މީހުންނާއި، ކުޑަކުދިން ރޭޕްކުރާ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނެވެ.
މި ޖަލުގައި އެންމެ ނުރައްކާތެރި ކުށްވެރިން ތިބޭ ދެސަރަހައްދެއް އޮންނާނެއެވެ. އެއީ ޔޫޓޫ ކިޔާ ސަރަހައްދަކާއި ޕެންޓަގަން ކިޔާ ސަރަހައްދެކެވެ.
ޝަހުމް އާއި ފަރިޔާޝް ފިލިކަން އެނގުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:15 ހާއިރު ފުލުހުންނަށެވެ. ޝަހުމް އާއި ފަރިޔާޝް ފިލިކަން އެނގުމާއިއެކު ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އާއި ސިފައިން މިހާރު ދަނީ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޖަލުގެ ގާޑުންނަށް އޮޅުވާލަން ޝަހުމްމެން ދިޔައީ ބާލީހުން މީހެއް ހަދާފައި - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ