ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ފެނަކައާއި ގުޅިގެން ރައްޔިތުން ނިކުމެ މަސައްކަތް ކުރަނީ!

ހދ. ނެއްލައިދޫ އަަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ފެނަކައާއި ގުޅިގެން ނެއްލައިދޫ ރައްޔިތުން ނިކުމެ މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.
ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް އިއްޔެއިން ފެށިގެން މަަސައްކަތް ކުރަމުން އަންނައިރު މިހާރު ކުރިޔަށްދަނީ ނޮޅިވަރަމުން ގެންނަ 180 ކިލޯ ވޮޓްގެ ޖަނަރޭޓަރ ބެހެއްޓުމަށް އިންޖީނުގެއާއި އިންވެގެން ވަގުތީ ގެއެއް ހެދުމާއި އެތަނުގައި ބެޑް ހެދުމުގެ މަސައްކަތެވެ. މި މަސައްކަތުގައި ހެނދުނުން ފެށިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުންދަނީ ބައިވެރިވަމުންނެވެ. އަދި މަސައްކަތް ކުރަމުންދަނީ އަމިއްލަ ތަކެތީގައި ހިލޭ ސާބަހަށްކަމަށް މަޢުލޫމާތު ލިބެއެވެ.
ފިރިހެންވެރިން މަސައްކަތުގައި ހަރަކާތްތެރިވާއިރު މި މަސައްކަތަށް ގިނަ ބައެއްގެ އެހީތެރިކަން ލިބެމުންދާ ކަމަށް މަސައްކަތުގައި ހަރަކާތްތެރިވާ އާންމު މީހަކު ދޭހަ ނޫހަށް މަޢުލޫމާތު ދިނެވެ. އެގޮތުން އިންޓަވަލް ފޯރުކޮށްދިނުމާއި އަންހެންވެރިން ބޮނޑިބަތް ހަދިޔާ ކުރުން ހިމެނެއެވެ.
ނޮޅިވަރަމުން ޖަނަރޭޓަރު ގެނައުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.
ނެއްލައިދޫގައި ކަރަންޓްގެ ހާލަތު ދަށްވެ އެކަމާ ކަންބޮޑުވެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެވަނީ ސުލްހަވެރި މުޒާހަރާއެއް ކޮށްފައެވެ. މި މުޒާހަރާ ނިންމާލާފައިވަނީ ރައީސުލް ޖުމްޙޫރިއްޔާ އޮފީހުން ނެއްލައިދޫ ކައުންސިލަށް ގުޅުއްވާ މައްސަލަ ހައްލު ކުރުން އަވަސް ކޮއްދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ