މާމިގިލީ ދާއިރާގެ ވޯޓު އަލުން ގުނުމުން ގާސިމަށް ވޯޓު އިތުރުވެއްޖެ

އދ. މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނުމުން އެ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހޮވިވަޑައިގަތް އަދި މިހާރު ވެސް އެ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ވޯޓު އިތުރުވެއްޖެ އެވެ. މާމިގިލީ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގާސިމް އިންތިހާބް ކާމިޔާބް ކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަމީޒްއާ ވާދަކޮށް 80 ވޯޓުގެ ތަފާތުންނެވެ. އަދި ބާތިލް 190 ވޯޓު އޮތެވެ. އީސީގެ އިންތިހާބީ މަރުކަޒު ބާ ޖަމާލުއްދީނުގައި މިރޭ އެ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމަށް ވަނީ 64 ވޯޓު އިތުރުވެފަ އެވެ. އަދި އަމީޒަށް ވަނީ 45 ވޯޓު އިތުރު ވެފަ އެވެ. އެހެން ކަމުން ގާސިމް އިބްރާހިމަށް މިހާރު ލިބެނީ 1145 ވޯޓެވެ. އަދި އަމީޒަށް ލިބެނީ 1046 ވޯޓެވެ. އަދި ގާސިމް އިންތިހާބް ކާމިޔާބް ކުރެއްވި ފަރަގު މިވަނީ 99 ވޯޓަށް އިތުރު ވެފަ އެވެ. ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން މާމިގިލީ ދާއިރާއާ އެކު ޖުމްލަ ހަ ވޯޓު ފޮއްޓެއްގެ "ސެކިއުރިޓީ އުރަ ކަނޑަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ