ކެސިނޯ އަޅަން ހުއްދަ ދެވިގެން ނުވާނެ: ޝައިޚް އަބްދުﷲ

ރާއްޖޭގައި ކެސިނޯ އެޅުމުގެ ހުއްދަ ދީގެން ނުވާނެކަމަށް ޖަމްއިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަލަފްގެ ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ކެސީނޯ ހިންގުމުގެ ހުއްދަ ދިނުމަށް ސަރުކާރަށް ގޮވާލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ނިންމަވާފައިވާކަން ހާމަކުރެއްވުމާއި ގުޅިގެންނެވެ.
ޝައިޚް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ކެސިނޯ އެޅުމަށް ހުއްދަ ދެވިގެން ނުވާނެކަމަށާ މާތް ﷲ ޙަރާމް ކުރެއްވިކަމެއް އަލަށް ރާއްޖެއަށް ތައާރަފް ކުރުމަކީ މުޅި ދިވެހި ޖީލުގެ ހައްގުގައި ހިންގޭ ބޮޑުވެގެންވާ ޖަރީމާއެއްކަަމަށެވެ.
އަދި ފާފައެއް އަލަށް ތައާފަރްކޮށްފި މީހަކަށް އެކަމުގައި ދެންފަހުން ބައިވެރިވާ އެންމެންގެ ފާފަވެސް ބޮލުގައި އެޅޭނެކަން ޝައިޚް ހަނދާންކޮށްދެއްވިއެވެ.
ކެސީނޯ ހިންގުމުގެ ހުއްދަ ދިނުމަށް ސަރުކާރަށް ގޮވާލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ނިންމަވާފައިވާކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި ކެސިނޯ ހިންގަން ފެށުމުން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ޑޮލަރު މަހެއްގެ މައްޗަށް ލިބިގެންދާނެ ކަމަށާއި އޭގެތެރެއިން ދެ ބިލިއަން ޑޮލަރަކީ ސީދާ ދަޢުލަތަށް ވަންނާނެ ފައިސާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި ކެސީނޯ ހިންގި ނަމަވެސް އެތަނަށް ދިވެހިންނަށް ނުވަދެވޭނެ ކަމަށެވެ.
މިފަދަ ގަރާރެއް މަޖިލީހުން ފާސްކުރިނަމަވެސް، އެ ގަރާރަށް އަމަލުކުރުން ސަރުކާރުގެ މައްޗަށް ލާޒިމެއް ނުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ