ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލު ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ މިރޭ އެ ކޮމިޝަނުން ބޭއްވި ކުއްލި ބައްދަލުވުމުގައެވެ. އެ ބައްދަލުވުން ބާއްވައި، އެ ނިންމުން ނިންމާފައިވަނީ ޖޭއެސްސީގެ ހަ މެމްބަރުން ސޮއިކުރެއްވައި ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެންނެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ޖޭއެސްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރަކީ ގާނޫނުއަސާސީގެ 159 (ށ) އާއި އެ ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އިން ލިބިފައިވާ ބާރަށް ހުރަސްއެޅޭގޮތަށް ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސްއަޅާ އަމުރެއް ކަމަށާއި އެ ކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން އިއްޔެ ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް އަމުރެއް ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލު ނުކުރަން ޖޭއެސްސީން ނިންމާފައިވަނީ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިރޭގެ އެ ބައްދަލުވުމުގައި ފުރަތަމަ ރިޔާސަތުގައި އިންނެވި އެ ކޮމިޝަނުގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުގެ މަސްލަހަތު ފުށުއަރާ ކަމަށް ކޮމިޝަންގެ މެމްބަރަކު ހުށަހަޅައި، އެ ހުށަހެޅުން ފާސްވުމާ ގުޅިގެން އަރީފް ވަނީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފައެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ކުރި އަމުރަށް އަމަލު ނުކުރަން ޖޭއެސްސީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ