އަޅުގަނޑަކީ ގަމާރެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ - އިމްރާން

މީހަކަށް އިންޒާރު ދީ ބިރުދައްކާ މިންވަރަށް އަޅުގަނޑު ގަމާރުވެއްޖެކަމަށް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފްރޭމް ކޮށްގެން ހައްޔަރު ކުރެވިދާނެކަމުގެ އިމްރާން އިންޒާރު ދެއްވިކަމަށް ވިދާޅުވެ ލުތުފީ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ، މަގުމަތީގައި މީހެއްގެ ކަރުގައި ހިފާ ބިރުދައްކާ އޭނާގެ އޮފީހަށް ވަދެ އިންޒާރު ދީ ފްރޭމް ކުރާނެ ކަމަށް ބުނެ ބިރުދައްކާ މިންވަރަށް އޭނާ ގަމާރުވެއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކޮށްފާނެ ކަމަށް ބަޔަކު ހީކުރީތީ އަަންތަރީސްވެއްޖެ ކަމަށެވެ.
އިމްރާން މިގޮތަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ލުތުފީ އަށް އިންޒާރުދިން ވާހަކަ ރަހުމަތްތެރިޔަކާއި އެކު ލުތުފީ ދައްކަވާ ފޯން ކޯލެއްގެ އޯޑިއޯ މީސްމީޑީއާގައި އާއްމުވުމާއި ގުޅިގެން "ސަންގު ޓީވީ" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ލުތުފީ ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާން އޭސީސީއަށް ވަޑައިގެން އަދި ފޯނުން ގުޅުއްވައި އޭނާ އަށް އިންޒާރު ދެއްވި ކަމަށެވެ. އަދި ފްރޭމްކޮށްގެން ވެސް ހައްޔަރުކުރެވިދާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ އިމްރާން އޭނާއަށް ދެއްވި ކަމަށްވެސް ލުތުފީ ވިދާޅުވިއެވެ.
"އާދެ އާދެ އަޅުގަނޑަށް ފްރޭމް ކޮށްގެންވެސް ތިމަންނައަށް ހައްޔަރުކުރެވިދާނެ ވާހަކަ އަޅުގަނޑާ ދިމާއަށް ބުނި. ތިމަންނަ ބޭނުން ކަމަށް ވެއްޖިއްޔާ ފްރޭމް ކޮށްގެންވެސް ކަލޭ ހައްޔަރުކުރެވިދާނޭ، ހަމަ ސީދާ އެގޮތަށް އަޅުގަނޑާ ވާހަކަދެއްކީ. ވާހަކަ ދައްކާފައި އިންޒާރުދިން އަޅުގަނޑަށް." ލުޠުފީ ވިދާޅުވިއެވެ.
އޭސީސީގެ ރައީސް ކަމުގައި ހުންނަވިކޮށް އޮފީހަށް ނުނިކުތުމަށް ބުނެ އިންޒާރު ދިންކަމަށް ލުޠުފީ ވިދާޅުވިއެވެ. އަދި އޭނާއަށް މަރުގެ އިންޒާރުވެސް ލިބެމުންދާކަމަށް ލުތުފީ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން މިހާރު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ