އަބްދުﷲ ދީދީއާ ގުޅޭ އަމުރު ބަލައިނުގަންނަން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ ޕީއެންސީއަށް ނުދިނުމަށް ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ބަލައިނުގަންނަން ޖޭއެސްސީން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ނުދިނުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ޖޫން 13، 2019ގައި ބޭއްވުނު ޖޭއެސްސީގެ ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިންގ އާއި ޔައުމިއްޔާ ހޯދުމަށް ޕީއެންސީން ވަނީ ކޮމިޝަނަށް ސިޓީއެއް ހުށަހަޅައިފައެވެ. ނަމަވެސް މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި، ޕީއެންސީއަށް އެ ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިންގ އާއި ޔައުމިއްޔާ ނުދިނުމަށް ވަނީ ނިންމައިފައެވެ.
ޖޭއެސްސީން ބުނީ އެފަދަ މައުލޫމާތުތަކުގައި ފަނޑިޔާރުންގެ ޒާތީ މައުލޫމާތު ހިމެނޭތީ އާއި ކޮމިޝަނުގެ ގާނޫނުގައި އެ މައުލޫމާތު ދިނުމަށް ބަޔާންކޮށްފައިވާ ފަރާތެއް ކަމުގައި ނުވުމުން، އެ މައުލޫމާތު އެ ޕާޓީއާ ހިއްސާނުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މިއަދު ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ނިންމި ފާހަގަކޮށްލެވޭ ނިންމުންތަކުގެ ތެރޭގައި، އެކޮމިޝަންގެ ތަހުގީގު ކޮމިޓީތަކުގައި ކޮމިޝަންގެ މެމްބަރުން ނޫން ފަރާތްތައް ހިމެނުމަށް ނިންމުމާއި ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މަހައްމަދުގެ މައްސަލަ ނުބަލަން ނިންމުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ