ޕީއެސްއެމްގެ ކަރަންޓް ބިލަށް 80 މިލިއަން ނުލިބޭ: ޝަރީފް

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ކަރަންޓު ބިލުގެ ގޮތުގައި ދައްކަންޖެހޭ 80 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ސަރުކާރުގެ ގިނަ އިދާރާތަކަކުން ކަރަންޓު ބިލަށް ފައިސާ ނުދައްކާ އެބަހުރި ކަމަށެވެ. އަދި އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކަނީ ޕީއެސްއެމް އިން ކަމުގައި ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ޕީއެސްއެމްގެ އިތުރުން ކުރީގެ އެމްއާރްޑީސީއާއި އެފްއޭއެމް ފަދަ ތަންތަނުން ކަރަންޓް ބިލުގެ ގޮތުގައި ބޮޑު އަދަދުތަކެއް ދައްކަންޖެހޭ ކަމަށެވެ. އަދި މިނިސްޓްރީތަކުން ލަހުން ނަމަވެސް، ބިލްތައް ދައްކަމުން އަންނަ ކަންވެސް ފާހަގަކުރެއްވި އެވެ.
އެމްއާރްޑީސީ އިން ދައްކަންޖެހޭ ފައިސާތަކާއި ބެހޭ ގޮތުން އާރްޑީސީއާއި މަޝްވަރާތަކެއް ކޮށްފައިވާ ކަމުގައިވެސް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް، އާރްޑީސީ އިން އެމްއާރްޑީސީގެ ބިލްތަކަށް އެ ކުންފުނިން ހަވާލުވާންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް ވިދާޅުވި އެވެ. އަދި މި މައްސަލައިގައި ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ކޯޓަށް ދާން ނިންމާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އާރްޑީސީއިން އެމްއާރްޑީސީގެ އެއްވެސް ކަމަކާ ހަވާލުވާންޖެހޭ ކަމަށް ގަބޫލެއް ނުކުރައްވާ. އެހެންވީމަ މައްސަލައަށް ހައްލު ހޯދަަން ކޯޓަށް ހުށަހަޅަން ސްޓެލްކޯ އިން ވާނީ ނިންމާފައި،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެފްއޭއެމް އިން ސްޓެލްކޯއަށް ދައްކަންޖެހޭ ކަރަންޓް ބިލު ދެއްކުމާ ޔޫތް މިނިސްޓްރީން ހަވާލުވެފައިވާ ކަމަށެވެ. އަދި މިހާރު އެފްއޭއެމްއަށް ކަރަންޓު ދޭން ފަށާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ