ހުޅުމާލޭ އުތުރު އަވަށުގައި ފުރަތަމަ ސްކޫލް ހުޅުވައިފި

އަލަށް އާބާދުވަމުން އަންނަ ހުޅުމާލޭ އުތުރު އަވަށުގައި ފުރަތަމަ ސްކޫލް ހުޅުވައިފިއެވެ.
މި ގޮތުން މިއަދު ހެނދުނު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ހުލުވާފައި ވަނީ އަހުމަދު ކާމިލް ދީދީ ނަމަކަށް ކިޔާ ޕްރައިމަރީ ސްކޫލެކެވެ.
މި ސްކޫލްގެ ނަން ނިސްބަތްވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަށެވެ.
މި ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން، ތަޢުލީމީ ވުޒާރާގެ ވަޒީރު އައިޝަތު ޢަލީ އާއި އެ ވުޒާރާގެ ބައެއް ބޭފުޅުން، ސްކޫލްގެ އިސްވެރިން، ޓީޗަރުން އަދި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެވަޑައިގަތެވެ.
އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ފަށާ ތަޢުލީމް މަރުހަލާގެ ކުލާސްތައް ކަމަށްވާ އެލް.ކޭ.ޖީ. އަދި ޔޫ.ކޭ.ޖީގެ އިތުރުން، ދަށު ސާނަވީ ގުރޭޑްތައް ކަމަށްވާ ގްރޭޑް 1 އިން 6 އަށް ކިޔަވައިދޭނެއެވެ.
ފަށާ ތަޢުލީމް މަރުހަލާ ނުވަތަ ފައުންޑޭޝަން ކްލާސްތައް 4 ދަންފަޅި އަކަށް ބަހާލައިގެން ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ ގުރޭޑުން ފެށިގެން 6 ވަނަ ގުރޭޑަށް ކިޔަވައިދޭނީ 2 ދަންފަޅިއަކަށް ބަހާލައިގެނެއެވެ.
މި ސްކޫލް ހުޅުވުނު އިރު ރަޖިސްޓަރީ ކުރެވިފައިވާ ކުދީންގެ ޢަދަދަކީ 824 އެވެ. އަދި މުވައްޒިފުންގެ ޢަދަދު 65 އަށް އަރާއިރު އޭގެ ތެރޭގައި 47 މުދައްރިސުން، 8 އިދާރީ މުވައްޒަފުން، އަދި 10 މަސައްކަތު މީހުން ހިމެނެއެވެ.
ހުޅުމާލެ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގެ އުތުރުން ހިއްކި ބިމުގައި މީހުން ވަޒަންވެރިވާން ފެށިތާ އަހަރެއްވާން ގާތްވެފައިވާއިރު، ސްކޫލްގެ އިތުރުން ހޮސްޕިޓަލް އަދި ޒަރޫރީ ބައެއް ޚިދުމަތްތައް ގާއިމުވެފައި ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
ޖުމުލަ 12 ކްލާސް ރޫމް ހިމެނޭ އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހަދަން ސަރުކާރުން ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. މި ސްކޫލްގެ ހެދުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު އެޗްޑީސީން ސޮއިކުރީ މިދިޔަ މާޗު މަހުއެވެ. އެއީ 165 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ހުޅުމާލެ އުތުރު އަވަށުގެ ފުރަތަމަ ޕްރީ ސްކޫލްވެސް އަންނަ އޮކްޓޯބަރު މަހު ހުޅުވަން ވަނީ އަމާޒު ހިފާފައެވެ. އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން އިމާރަތްކުރާ ސަލާހުއްދީން ސްކޫލް އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވައި އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ ސީއެޗްއެސްއީގެ އާ އިމާރާތް ވެސް އަންނަ އަހަރުގެ މާޗު މަހު ބޭނުންކުރަން ފަށާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ