ރައީސުލްޖުމްހޫރިއްޔާ މ.ވޭވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލު ކުރެއްވުން: ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިނގަމުންދާތީ ރައްޔިތުން ތިބީ އުފަލުންކަމުގައި ކައުންސިލުން ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މުލަކަތޮޅު ވޭވަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީ އާއި ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައި ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު ވޭވަށު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވޭވަށު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވޭވަށަށް ދެއްވާ ސަމާލުކަމަށްޓަކައި ޝުކުރުއަދާ ކުރައްވައިފައެވެ. އަދި ފާއިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފިޔަވައި އެހެން އެއްވެސް ރައީސަކު ވޭވަށަށް ވަޑައިގެން ވޭވަށުގެ ރައްޔިތުންގެ ޙާލަތު ބައްލަވާލައްވާފައި ނުވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ނިމި އަދި މިހާރުވެސް ބައެއް މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވައި، ކައުންސިލުން ވިދާޅުވީ، މިވަގުތު ވޭވަށުގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ކައުންސިލް އިދާރާގެ އައު އިމާރާތެއް އެޅުމާއި، ވޭވަށުގައި އައިސްޕްލާންޓެއް ބެހެއްޓުމާ، ސިއްޙީމަރުކަޒަށް އައު އެމްބިއުލާންސެއް ހޯދުމާއި، މ.މުލަކު ފާލަން މަރާމާތުކުރުން ހިމެނެއެވެ. ވޭވަށުގެ މަތީގުރޭޑް ތަކުގެ ދަރިވަރުން ތަޢުލީމް ޙާޞިލްކުރުމަށް މުލަކު ސްކޫލަށް ފެރީގައި ދަތުރުކުރާއިރު، މުލަކު ފާލަން ހަލާކުވެފައި ވުމުގެ ސަބަބުން ބައެއް ޙާދިސާތައް ހިނގަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ވޭވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމީޓީން ފާހަގަކުރެއްވި ކަންކަން އަޑުއައްސަވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭވަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުވައްސަސާތަކާއި މަޝްވަރާއި ކުރައްވައިގެން ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި ވޭވަށުގެ ކައުންސިލް އިދާރާ އިމާރާތްކުރުމުގެ މަޝްރޫއު އެލްޖީއޭއިން އެންމެ އަވަހަށް އިމާރާތްކުރަން ބޭނުންވާ ކައުންސިލް އިދާރާތަކުގެ ލިސްޓްގައި ހިމަނާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހޮނިހިރު ދުވަހު މުލަކަތޮޅަށް ފެށްޓެވި ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ، މ.އަތޮޅުގެ ވެރިރަށް މުއްޔަށެވެ.
​ރައީސުލްޖުމްހޫރިއްޔާ މުއްޔަށް ވަޑައިގެން މިއަދު ހަވީރު މ އަތޮޅު ކައުންސިލާއި އަދި މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީ އާއި ބައްދަލު ކުރައްވާނެއެވެ. އަދި މުލީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މުލީ އެއާޕޯޓުގެ މަޝްރޫއުވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައި ލައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ