ޕްރަބާސް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ކްރިތީ ދޮގުކޮށްފި

ބާހޫބަލީ އިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޕްރަބާސް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކައަށް ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަން ރައްދުދީފިއެވެ.
ޕްރަބާސް އާއި ކްރިތީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުފެތުރެން ފެށީ "ބޭޅިޔާ"ގެ ޕްރޮމޯޝަން އިވެންޓެއްގައި ވަރުން ދަވަން ދެއްކި ވާހަކައަކާ ގުޅިގެންނެވެ. ކަރަން ޖޯހަރު ކުރި ސުވާލަކަށް ޖަވާބު ދެމުން ވަރުން ބުނީ ސިންގަލް ތަރިންގެ ލިސްޓުގައި ކްރިތީ ނުހިމެނޭ ކަމަށާއި ސަބަބަކީ މީހެއްގެ ހިތުގައި ކްރިތީގެ ނަން ލިޔެފައި ވާތީ ކަމަށެވެ. އެހެން ބުނުމާއެކު އެއީ ކޮން ތަރިއެއްތޯ ކަރަން ސުވާލުކުރުމުން ވަރުން ބުނީ އެ ތަރި މިވަގުތު މުމްބާއީގައި ނެތް ކަމަށާއި އޭނާ ވީ ދީޕިކާ ޕަޑުކޯން އާއެކު ފިލްމެއްގެ ޝޫޓިން އަށް ގޮސް ކަމަށެވެ.
އިއްތިފާގުން އެ ދުވަސްވަރު ދީޕިކާ އާއެކު ޝޫޓިންގައި މުމްބާއީ އިން ބޭރުގައި ހުރީ އެކްޓަރު ޕްރަބާސްއެވެ. ދެތަރިން އެކުގައި ކުޅޭ ފިލްމަކީ "ޕްރޮޖެކްޓް ކޭ" އެވެ. އެއާއެކު ގިނަ ފޭނުން އެވާހަކަތައް ދައްކަމުން އައި ދަނޑިވަޅުގައި މީޑިއާތަކުން ވަނީ ކްރިތީ އާއި ޕްރަބާސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެފައެވެ. ނަމަވެސް ކްރިތީ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އެ ވާހަަކަތަކަށް ރައްދު ދީފައެވެ.
ކްރިތީ ބުނީ އެއީ ލޯބި ނޫން ކަމަށާއި އަދި ޕަބްލިސިޓީ ސްޓަންޓެއް ވެސް ނޫން ކަމަށެވެ. ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ވާހަކަ ދައްކަމުން އެފަދަ ވާހަކަ އެއް ވަރުން ބުނީ ސީރިއަސް ކޮށް ނޫން ކަމަށާއި އެއީ ހަމަ ކޮށްލި ސަމާސާއެއް ކަމަށް ކްރިތީ ބުންޏެވެ. އަދި އެ ހަބަރަކީ އެއްވެސް އަސްލެއް ނެތް ތާކުންތާކު ނުޖެހޭ ހަބަރެއް ކަމަށް ވެސް ކްރިތީ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ