"ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަސްކަރީގޮތުން ނުރައްކަލެއް ނެތް"

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އަސްކަރީގޮތުން އެއްވެސް ނުރައްކަލެއް ނެތްކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދާއި އެނޫން އެއްވެސް ތަނެއް އެއްވެސް ޤައުމަކަށް ނުދޭގޮތަށް ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް މިދނަޑިވަޅުގައި އަސްކަރީގޮތުން ނުރައްކަލެއް އޮތްކަމަކަށް ނުފެންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް އެދުނީ ކޮން ޤައުމުތަކަކުންތޯ ސުވާލުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޤައުމުތަކާއެކު ކުރެވޭ އެފަދަ މުޢާމަލާތްތަކަކީ ޤައުމުތަކުގެ އިޒުނައާއެކު ނޫނީ ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ. ރާއްޖެއާއި އެކި ޤައުމުތަކާއެކު އޮންނަ ގުޅުންތަކަކީ އިޚްތިރާމްއާއެކު އޮންނަ ގުޅުންތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ދަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ވައިގެ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެއްވެސް ބަޔަކަށް ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ