ހިޔާލު ފާޅުކުރުމުގެ ހައްގު ލިބެނީ ހަމައެކަނި މަގުމަތީގައެއް ނޫން: އުމަރު

އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ލިއްބައިދެނީ ހަމަ އެކަނި މަގުމައްޗަށް ނުކުތުމުގެ ފުރުސަތު ދިނުމުން ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އުމަރު އެހެން ވިދާޅުވީ، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަދަނީ ޖަމިއްޔާތައް ގުޅިގެން މިއަދު ހަވީރު ބާއްވަން ނިންމި ހިނގާލުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނުމުން، ހިޔާލު ފާޅުކުރުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ގޮވާލުމުން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ސަން އަށް ވިދާޅުވީ، މިއަދުގެ ހިނގާލުމަށް ފުރުސަތު ދިނުމަށް އެޗްއާރްސީއެމް އިން ބުނެފައި ނުވާ ކަމަށެވެ. "ހިއުމަން ރައިޓްސް އަކުން ނުބުނޭ ހިނގާލުމަށް ފުރުސަތު ދޭކަށް،" އުމަރު ވިދާޅުވި އެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިނުވާ ކަމަށާއި، ހިޔާލު ފާޅުކުރުމުގެ މާނައަކީ މަގުމައްޗަށް ނުކުތުން ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. "ހިއުމަން ރައިޓްސް އިން ބުނީ ގާނޫނު އަސާސީގައި ބުނާ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ދޭން. އެއީކި މަގުމައްޗަށް ނުކުތުމެއް ނޫނެއް ނޫންތޯ ކޮންމެހެން،" އުމަރު ވިދާޅުވި އެވެ. އެޗްއާރްސީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ހިޔާފާޅުކުރުމާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ހަމަ ކޮންމެ މީހަކަށްމެ ގާނޫނު އަސާސީގެ 27 އަދި 32 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާ އިރު އެ ހައްގުތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ފުލުހުން ހިނގާލުމަށް ފުރުސަތު ނުދޭން ނިންމީ ހިނގާލުމެއް ބޭއްވުމުން މާލޭގެ މަގުތަކުގައި ހިނގައި ބިނގައިވާ މީހުންނަށާއި ދުއްވާ ތަކެތި ދުއްވުން ހުއްޓި އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތައް ފޯރަމުންދާނެތީ ކަމަށް ބުނެ އެވެ. މާލޭގެ މަގުތަކަކީ ކާރޫބާރު ބޮޑު މަގުތަކަކަށް ވެފައި ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރަން ޖެހުމުން ދަތުރުފަތުރުގެ ނިޒާމަށް ދަތިތައް ފޯރައި ހިނގައިބިނގައިވާ ފަރާތްތަކަށް ދަތިތައް ފޯރާތީ މިފަދަ ހިނގާލުންތައް ކުރިޔަށް ގެންދަން ފުރުސަތު ނުދޭން ފުލުހުން ވަނީ ނިންމާފަ އެވެ. ހިނގާލުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނި ނަމަވެސް، މަދަނީ ޖަމިއްޔާތަކުން ވަނީ ހިނގާލުން ކުރިއަށް ގެންދާނެ ކަމަށް ބުނެ މަދު ބަޔަކާ އެކު ހިނގާލުން ފަށައިފަ އެވެ. ނަމަވެސް ހިނގާލުމުގެ ބައިވެރިން ވަނީ މާފަންނު މަދަރުސާ ކައިރިން ފުލުހުންގެ ބެރިކޭޑު ޖަހާފައިވާ ސަރަހައްދުގެ ތެރެއަށް ވަދެފައެވެ. މިއަދުގެ ހިނގާލުމުގައި މަސައްކަތްތެރިންނަށް ހުރި ގޮންޖެހުންތަކާއި އެމީހުން ބޭނުންވާ ކަންކަމަށް ގޮވާލައި ޝުއޫރު ފާޅުކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ