އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ އެއްވެސް ހަރަކާތެއް ނުވަތަ ރަމްޒެއް ވޯލްޑް ކަޕްގައި މިސްރާއި އިރާން ބައްދަލުކުރާ މެޗާ ދިމާކޮށް ސްޓޭޑިއަމްގައި ބޭނުންކުރުން ހުއްޓުވުމަށް އެ ދެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ހުށަހެޅި ހުށަހެޅުން ފީފާއިން ބޮލާލައިޖަހައިފި އެވެ.
ރާއްޖޭ ގަޑިން ހޮނިހިރު ދުވަހު ހެނދުނު ކުޅޭ އެ މެޗު އޮންނާނީ އެމެރިކާގެ ސިއެޓްލްގަ އެވެ.
އެ ސިޓީގެ ލޯކަލް އޮގަނައިޒިން ކޮމިޓީން ވަނީ އެ މެޗަކީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ހަރަކާތް ބަލައިގަތުމުގެ ގޮތުން ބާއްވާ "ޕްރައިޑް މެޗެއް" ގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ކަނޑައަޅައިފަ އެވެ.
ނަމަވެސް އިސްލާމީ ދެ ގައުމުކަމަށްވާ އިރާނާއި މިސްރުގެ ފުޓްބޯޅަ އިދާރާތަކުން މި މައްސަލައިގައި ނުރުހުން ފާޅުކުރި އެވެ.
މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެއްޖިންސުން ގުޅުން ހިންގުމަށް ތާއީދުކުރާ އެއްވެސް ހަރަކާތެއް އެ މެޗުގެ ތެރޭގައި ހިންގުމާ ދެކޮޅު ހަދައި، ފީފާގެ ސެކްރެޓަރީ ޖެނެރަލް މެޓިއަސް ގްރާފްސްޓްރޮމަށް ރަސްމީ ސިޓީއެއް ފޮނުވައިފަ އެވެ.
"މިފަދަ ހަރަކާތްތަކަކީ އަރަބި އަދި އިސްލާމީ މުޖުތަމައުތަކުގެ ސަގާފީ ދީނީ އަދި އިޖުތިމާއީ އުސޫލުތަކާ ސީދާ ހިލާފު ކަންތައްތަކެއް،" މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.
އިރާނުން ވެސް ވަނީ މި ހަރަކާތާ ދެކޮޅު ހަދައިފަ އެވެ. މިއީ ވަކި ބަޔަކަށް ތާއީދުކުރުމަށް ހިންގާ ތާކުންތާކު ނުޖެހޭ އަމަލެއްގެ ގޮތުގައި އިރާނުން ސިފަކުރި އެވެ.
ސިއެޓްލްގެ ކޮމިޓީން ބުނެފައިވަނީ އެ ސިޓީގެ ސިފައަކީ ހުރިހާ އެންމެން ބަލައިގަތުން ކަމަށެވެ.
މި މައްސަލާގައި ފީފާއިން ބުނީ ވޯލްޑް ކަޕަކީ ހުރިހާ އެންމެންނަށް ވެސް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތުގެ ސްޓޭޑިއަމްތަކުގެ ގަވާއިދުގެ ދަށުން ޖިންސީ ތަފާތުކުރުންތައް ރަމްޒުކޮށްދޭ ދިދަތައް ސްޓޭޑިއަމްތަކަށް ވެއްދުމުގެ ހުއްދަ އޮންނާނެ ކަމަށް ފީފާއިން ހާމަކުރި އެވެ.
ސްޓޭޑިއަމްގެ އެތެރޭގައި ހިންގާ ހަރަކާތްތައް ކޮންޓްރޯލް ކުރާނީ ފީފާއިންނެވެ. ސިއެޓްލްގެ ކޮމިޓީން ރާވާފައިވާ މައިގަނޑު ހަރަކާތްތައް ކުރިއަށްދާނީ ސްޓޭޑިއަމްގެ ބޭރުގަ އެވެ. މިއީ ފީފާގެ ބާރު ހިނގާ ސަރަހައްދެއް ނޫން ކަމަށް ސިއެޓަލްގެ ކޮމިޓީން ބުނެ އެވެ.
އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ނުކުރަން މިސްރާއި އިރާނުން އެދުނު އެދުން ފީފާއިން ބޮލާލައިޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ