ރައްޔިތުންގެ މަޖިލިހުގެ ދާއިމީ ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީއަށް ޖާގަ ދިނީ އޯގާތެރިކަމާއެކު ކަމަށާއި އެ ޕާޓީއަށް ހުރިހާ ކަމެއް ކޮށްދީފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑިޕީން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމުގައި އިދިކޮޅު ޕާޓީތަކަށް ލިބެންޖެހޭ ފުރުސަތުތަކަށް ހުރަސްއަޅައި، ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހުގެ ތެރޭގައި ޖެއްސުން ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ތުހުމަތަކެއް ކޮށްފައިވަނިކޮށެވެ. އެގޮތުން އަލަށް އިންތިހާބުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން ޖާގަ ނުދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިއްޔެ ވަނީ އަޑުގަދަކޮށް އިހްތިޖާޖްކޮށްފައެވެ.
އެކަމަށް ރައްދު ދެއްވައި ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ވެސް މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ގޮނޑީގެ އަދަދަށް ބަލާއިރު، މަޖިލިސް ގަވައިދުން ކޮމިޓީތަކުން އެމްޑީޕީއަށް ލިބޭ މިންވަރަށް ވުރެ އޯގާތެރިކޮށް ހުރިހާ ކަމެއް ކޮށްދީފައިވާނެ ކަމަށެވެ.
އޭގެ އިތުރުން، އިދިކޮޅު އެމްޑީޕީއަކީ ދުވަހަކުވެސް ކޮށްދޭ ހެޔޮ ކަމެއް ނުފެންނަ ބައެއް ކަމަށެވެ. އަދި ގަދަބާރުން ކަންކަން ކުރަން ނޫޅެ، ޤަވައިދުގެ ތެރޭގައި ކަން ކުރަން އެމްޑީޕީ ދަސްކުރަންޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ.
”އިދިކޮޅު އެމްޑީޕީއަކީ ދުވަހަކުވެސް ކޮށްދޭ ހެޔޮ ކަމެއް ނުފެންނަ ބައެއް. ބޮޑު ބަދަލު އޮފިސް ޤާއިމުވީ ފަހުން އަދި ހެޔޮބަދަލެއް ނުފެނޭ،“ ފަލާހް
ފަލާހުވަނީ އެމްޑީޕީން ބޮޑު ބަދަލު އޮފީސް ޤާއިމުވި ފަަހުން އަދި ހެޔޮ ބަދަލެއް ނާންނަކަމަށެވެ.
އިއްޔެގެ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހިމެނޭހެން، އެ ޕާޓީގެ ގިނަ މެންބަރުންގެ ނަން އިއްވައި ތަޅުމުން ވަނީ ބޭރުކޮށްލާފައެވެ. އެއަށްފަހު އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މަޖިލީހުގެ ބޭރުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ މަޖިލީހުގެ ކޮމިޓީއެއްގައި ސޯބެ ހިމަނަން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން ދިޔަ ކަމަށް ވިދާޅުވެފައެވެ. ނާޒިލް ވިދާޅުވީ، ސޯބެއަށް މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން ޖާގަ ދެވޭނީ، މަޖިލީހުގެ ތަޅުމުގައި ސޯބެ އަމަލުކުރައްވާ ގޮތް ބެލުމަށްފަހު ކަމަށް ޕީއެންސީގެ މެމްބަރުން ބުނެފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދާއި އުސޫލުތަކަށް ރިއާޔަތްކުރާއިރު، މަޖިލީހުގެ ރޭޝިއޯ އޮންނަ ގޮތުން އިދިކޮޅު އެމްޑީޕީއަށް އިތުރު ދެ ކޮމިޓީއަކުން ޖާގަ ލިބެންޖެހޭނެ ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ޖާގަ ދީފައިވަނީ މަޖިލީހުގެ މަސައްކަތްތައް އެންމެ މަދުން ހިނގާ އަދި އެންމެ ހަރަކާތްތެރިކަން ކުޑަ ދެ ކޮމިޓީން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މައިނޯރިޓީއަށް ލިބެންޖެހޭ ހައްގުތަކަށް އަރައިގަތުން ކަމަށްވެސް ނާޒިލް ސިފަކުރެއްވިއެވެ.
މަޖިލިހުގެ ދާއިމީ ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީއަށް ޖާގަ ދިނީ އޯގާތެރިކަމާއެކު: ފަލާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ