ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 25) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އާއި އެ ޓީމުގެ ކެޕްޓަން، ލިއޮަނަލް މެސީއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބިއްޖެނަމަ އެއީ ތަފާތު ކަމަކަށްވާނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އުޒްބެކިސްތާން އަތުން 5-0 އިން ޕޯޗުގަލް މޮޅުވި މެޗަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިންއިރު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މެސީއާ ގުޅޭގޮތުން ކުރި ބައެއް ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދައިފަ އެވެ. އެކަމަކު، މެސީ އާއި އާޖެންޓީނާާއާ ދެކޮޅަށް މި ވޯލްޑް ކަޕްގައި ކުޅެން ޖެހުމާ ބެހޭގޮތުން. ކުރި ސުވާލަށް ރޮނާލްޑޯ ޖަވާބުދިނެވެ.
"އަސްލު ތި އަށް ޖަވާބު ދޭނެ ގޮތެއް ނޭނގޭ. އެކަމަކު، ތިކަން ވެއްޖިއްޔާ (އާޖެންޓީނާ އާއި މެސީއާ ދެކޮޅަށް ކުޅެން ޖެހިއްޖިއްޔާ) ތަފާތު ކަމަކަށްވާނެ،" ރޮނާލްޑޯ ބުންޏެވެ.
ޕޯޗުގަލް އާއި އާޖެންޓީނާ އިން ގްރޫޕްގެ އެއް ވަނަ ހޯދައިގެން ނޮކައުޓުބުރަށް ގޮސްފިނަަމަ، ކުއާޓާ ފައިނަލުގައި ދެ ޓީމުގެ ކުރިމަަތިލުމެއް ފެނުމުގެ ފުރުސަތު އެބައޮތެވެ. މި ވަގުތު އާޖެންޓީނާ އޮތީ ކުޅުނު ދެ މެޗުން މޮޅުވެ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދައިގެންނެވެ. އަދި، ޕޯޗުގަލް އިން މި ވަގުތު ގްރޫޕްގެ ދެ ވަނައިގައި އޮތްއިރު، ފަހު މެޗުން ކޮލަމްބިއާ ބަލިކޮށްގެން އެއް ވަނަ ހޯދިދާނެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކޮންގޯއާ 1-1 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި ރަނގަޅު މޮޅެއް ހޯދައި، ޕޯޗުގަލް އިން ފޯމަކަށް އެޅިފައިވާއިރު، ރޮނާލްޑޯ ބުނީ، ދެ ވަނަ މެޗަށް ނުކުތްއިރު ޓާގެޓްކުރި ކަންކަން ހާސިލްވުމަކީ ކުރިއަށްދިއުމަށްޓަކައި ލިބުނު ފަސޭހައެއް ކަމަށެވެ.
"އަނެއް ބުރަށް ދިއުމަށް މޮޅެއް ހޯދަން ޖެހިފައި އޮއްވައި ދެ ވަނަ މެޗުން މި މޮޅުވީ. އެންމެ ބޮޑު އަމާޒެއް މިހާރު ހުރީ ގްރޫޕްގެ އެއް ވަނަ ހޯދަން. އެ މަސައްކަތް ފަހު މެޗުގައި މި ޓީމުން ކުރާނެ،" ރޮނާލްޑޯ ބުންޏެވެ.
މިއީ، ރޮނާލްޑޯގެ ހަ ވަނަ ވޯލްޑް ކަޕް އެވެ. އޭނާ އަކީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލް ފުރަތަމަ އެގާރަ އަށް އޭނާ ނެގުމާ ބެހޭގޮތުން އަންނަ ފާޑުކިޔުންތަކާ ބެހޭގޮތުން އަމާޒުވި ސުވާލުތަކަށް ވެސް ޖަވާބު ދީފަ އެވެ.
ރޮނާލްޑޯ ބުނީ ޓީމު ނަގާ ގޮތާ މެދު އާންމުންގެ ވިސްނުން ހިއްސާކުރިއިރު، އޭނާ އާއި ކޯޗު ރޮބާޓޯ މާޓިނޭޒަށް އަމާޒުވީ ބޮޑެތި ފާޑުކިޔުންތަކެއް ކަމަށެވެ.
"އެކަމަކު އެއީ އަހަރެން އެހާ ވިސްނާ ކަމެއް ނޫން. އަހަރެން 23 އަހަރުވެއްޖެ ޕްރޮފެޝަނަލެއް ގޮތަށް މަސައްކަތްކުރާތަން. ކަންކަން ރަނގަޅަށް ދާއިރު އިވޭނީ ކްރިސްޓިއާނޯ ވަރަށް ރަނގަޅޭ. ކަންކަން ގޯސްކޮށްދާއިރު ބުނާނެ ކްރިސްޓިއާނޯ ރިޓަޔާކުރީއޭ. މާ މުސްކުޅި ވެއްޖެއޭ. އެހެން އަބަދުވެސް ވެފައި އޮތީ. ދެން، އެ ކަންކަމަށް ރަނގަޅު ޖަވާބެއް މި ދެވުނީ،" ރޮނާލްޑޯ ބުންޏެވެ.
މި ފަހަރުގެެ ވޯލްޑް ކަޕްގައި އޭނާ އެންމެ ބޮޑަށް އިސްކަންދޭނީ ކުރިއެކޭ ވެސް އެއްގޮތަށް ޓީމުގެ ކަންކަމަށް ކަމުގައި ރޮނާލްޑޯ ވަނީ ބުނެފަ އެވެ. އަދި، ކުޅުނު ކޮންމެ މެޗެއްގައި ވެސް އޭނާގެ އަމިއްލަ ކަންކަމަށް ވުރެން ޓީމު މޮޅުކޮށްދޭން ބޭނުންވާ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
މެސީ އާއި އާޖެންޓީނާއާ ދެކޮޅަށް ކުޅުން ތަފާތު ކަމަކަށްވާނެ: ރޮނާލްޑޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ