ރަސްގެފާނު ޗާލްސް 12.9 މިލިއަން ޕައުންޑް ޓެކްސް ދައްކަވައި، މާލީ ތަފްސީލު ހާމަކުރައްވައިފި

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، 2024 އާއި 2025 ވަނަ އަހަރާ ދެމެދު ޓެކްސްގެ ގޮތުގައި 12.9 މިލިއަން ޕައުންޑް ދައްކަވައިފި އެވެ.
މިއީ އިނގިރޭސި ތާރީހުގައި ރަސްކަލަކު އޭނާ ދެއްކެވި ޓެކްސްގެ ތަފްސީލު އާންމުކުރެއްވި ފުރަތަމަ ފަހަރެވެ. ރަސްގެފާނު ދެއްކެވި މި އަދަދާއެކު، އެމަނިކުފާނު ހިމެނިވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގައި އެންމެ ގިނައިން ޓެކްސް ދައްކާ 100 މީހުންގެ ތެރޭގަ އެވެ.
ޝާހީ އާއިލާގެ އަހަރީ ރިޕޯޓުން ދައްކާގޮތުގައި، އަމީރު ވިލިއަމް ވެސް ވަނީ އެ މުއްދަތުގެ ތެރޭގައި 7.76 މިލިއަން ޕައުންޑް ޓެކްސްގެ ގޮތުގައި ދައްކަވާފަ އެވެ. ރަސްގެފާނާއި އަމީރު ވިލިއަމް ޓެކްސް ދެއްކެވުމަށް ނިންމެވީ އަމިއްލަފުޅަށް ކަމަށް ބަކިންހަމް ޕެލަސްއިން ބުނެއެވެ. މި ނިންމުމަކީ ޝާހީ އާއިލާގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އާންމުންނަށް އެނގުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށް ގަނޑުވަރުން ސިފަކުރެ އެވެ.
މި ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން، ރަސްގެފާނު ޗާލްސް އާއި ރާނީ ކެމީލާ ދިރިއުޅުއްވަމުން ގެންދަވާނީ މިހާރުވެސް ދިރިއުޅުއްވާ ކްލޭރެންސް ހައުސްގަ އެވެ. ބަކިންހަމް ޕެލަސް މަރާމާތުކޮށް ނިމުނު ކަމުގައިވިޔަސް، އެތަނަށް ދިރިއުޅުން ބަދަލުނުކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ. މިއީ ރާނީ ވިކްޓޯރިއާއަށް ފަހު، ރަސްކަލަކު ބަކިންހަމް ޕެލަސްގައި ދިރިއުޅުއްވަން ދެކޮޅު ހެއްދެވި ފުރަތަމަ ފަހަރެވެ. މި ނިންމުމުގެ ސަބަބުން ބަކިންހަމް ޕެލަސްއަށް ޒިޔާރަތްކުރާ އާންމުންނަށް އިތުރު ފުރުސަތުތަކެއް ލިބި، އެތަނުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ޝާހީ އާއިލާގެ ހަރަދުތަކަށް ދައުލަތުން ދޭ އެހީ 2027 އާއި 2028 ވަނަ އަހަރާ ދެމެދު 100 މިލިއަން ޕައުންޑަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. މީގެ ތިން އަހަރު ކުރިން މި އަދަދު ހުރީ 51.8 މިލިއަން ޕައުންޑުގަ އެވެ. މި ފައިސާ ބޭނުންކުރާނީ ޝާހީ ގަނޑުވަރުތައް ބެލެހެއްޓުމަށާއި، މުވައްޒަފުންގެ މުސާރައަށާއި، ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތަކަށެވެ. ހާއްސަކޮށް ބަކިންހަމް ޕެލަސް މަރާމާތުކުރުމަށް ބޮޑު ހޭދައެއް ކުރެވެމުންދާއިރު، ވިންޑްސާ ކާސަލްގެ ހަކަތައިގެ ނިޒާމު ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ބަދަލުކުރުމަށް 11 މިލިއަން ޕައުންޑް ހޭދަކުރުމަށް ވަނީ ރޭވިފަ އެވެ.
އަމީރު ވިލިއަމްގެ މާލީ ކަންކަމަށް ބަލާއިރު، އެމަނިކުފާނަށް އާމްދަނީ ލިބެނީ ޑަޗީ އޮފް ކޯންވޯލްގެ ބިންތަކާއި ވިޔަފާރިތަކުންނެވެ. ވިލިއަން ވަނީ ކުރިން ޖަލެއްގެ ގޮތުގައި ބޭނުންކުރި ޑާޓްމޫރުން ކުލީގެ ގޮތުގައި ލިބޭ 1.5 މިލިއަން ޕައުންޑް އަމިއްލަ ބޭނުމަށް ނުނަންގަވައި، އެ ފައިސާ އެ ސަރަހައްދުގެ އިޖުތިމާއީ ކަންކަމަށް ހޭދަކުރުމަށް ނިންމަވާފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޝާހީ އާއިލާއިން ކުރި އެންމެ އަގުބޮޑު ދަތުރުފުޅަކީ އަމީރު ވިލިއަމް ސައުދީ އަރަބިއްޔާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅެވެ. އެ ދަތުރުފުޅަށް 130,000 ޕައުންޑަށްވުރެ ގިނައިން ހޭދަވެފައިވެ އެވެ. އަދި ރަސްގެފާނާއި ރާނީ އިޓަލީއަށް ކުރެއްވި ދަތުރުފުޅަށް 126,946 ޕައުންޑް ހޭދަވި އެވެ. މީގެ އިތުރުން، ވޭތުވެދިޔަ އަހަރު ޝާހީ އާއިލާއިން ހެލިކޮޕްޓަރުގައި 177 ދަތުރުކޮށްފައިވާއިރު، މީގެ ޖުމްލަ ހަރަދު 733,063 ޕައުންޑަށް އަރަ އެވެ.
ޝާހީ އާއިލާގެ މާލީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ ތަފްސީލުތައް ހާމަކުރުމަކީ ޒަމާނާ އެއްގޮތަށް ޝާހީ އާއިލާއިން ގެންނަމުންދާ ބަދަލެކެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ފާޑުކިޔަމުންދަނީ ޝާހީ އާއިލާގެ ހަރަދުތައް އަދިވެސް މާ ބޮޑު ކަމަށް ބުނެއެވެ. ހާއްސަކޮށް ދައުލަތުން ދޭ ފައިސާ އިތުރުވަމުންދާތީ، އެކަމާ މެދު ބައެއް ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ