ލޭގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަތުމަށް "ނިއުސެލިކް އެސިޑް ޓެސްޓް" ޖުލައި މަހު ހަދަން ފަށަނީ

ލޭ އެޅުމުގެ ކުރިން، ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލޭގެ ޒަރީއާއިން ޖެހޭ ބަލިތައް ޓެސްޓްކުރުމަށް ބޭނުންކުރާ "ނިއުސެލިކް އެސިޑް ޓެސްޓް" ނުވަތަ ގޯލްޑެން ސްޓޭންޑާޑްގެ ޓެސްޓުގެ ޚިދުމަތް އަންނަ ޖުލައި މަހު ފެށޭނެ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ބުނެފިއެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އެމްބީއެސްގެ ސީނިއާ ސްޕެސަލިސްޓް ރެޖިސްޓްރާ އެންޑް ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު ވިދާޅުވީ، ލޭ ދޭ މީހާއާއި ލޭ ބޭނުންވާ މީހާގެ ރައްކާތެރިކަމަކީ އެ އިދާރާއިން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މިހާރު ބޭނުންކުރާ މެތަޑަށް ވުރެ އިތުރަށް ހަރުދަނާ މެތަޑެއް ބޭނުންކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މެޝިން އިންސްޓޯލްކޮށް ޚިދުމަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޓެސްޓްތައް ހެދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ޑރ. އުމަރު ވިދާޅުވީ، ވަކި ބަލިތަކަކަށް ޓެސްޓުކޮށްގެން ނޫނީ މިހާރުވެސް ލޭ ނާޅާނެ ކަމަށާއި މި ޓެސްޓްތައް ހެދުމަށް މިހާރު ބޭނުން ކުރާ މެތަޑަށް ވުރެ ރަނގަޅު މެތަޑެއް ބޭނުން ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. "ވަކި ބަލިތަކަކަށް ޓެސްޓުކޮށްގެން ނޫނީ ލޭ ނާޅާނެ މިހާރު ވެސް. މި ޓެސްޓްތައް ހެދުމަށް މިހާރު ބޭނުން ކުރާ މެތަޑަށް ވުރެ ރަނގަޅު މެތަޑެއް ބޭނުން ކުރުމަށް މަސައްކަތް މި ކުރަނީ،" ޑރ. އުމަރު ވިދާޅުވިއެވެ. ލޭ ހަދިޔާ ކުރާ މީހާ ނުވަތަ ޑޮނާ، ލޭ ދިނުމުގެ މަރުހަލާ ފުރިހަމަކުރުމުގެ ކުރިން މިހާރު ވެސް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓްތައް ހަދަމުންދެއެވެ. ނަމަވެސް އައު ޓެސްޓާއެކު ލޭގެ ޒަރީއާއިން ދަތުރުކުރާ ބަލިތައް ދެނެގަތުމުގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެއެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ހާމަކުރާ ގޮތުގައި، ރާއްޖޭގައި ލޭ ހަދިޔާކުރާ ފަރާތްތައް ކުރިއާ އަޅާބަލާއިރު ދަނީ އިތުރުވަމުންނެވެ. ވަކިން ޚާއްސަކޮށް 18 އަހަރު ފުރުމުން ލޭ ހަދިޔާ ކުރާ ޒުވާނުންގެ އަދަދު ގިނަވަމުންދާކަން އެ އިދާރާއިން ފާހަގަކުރެއެވެ. ލޭ ހަދިޔާ ކުރަން ބާރު އެޅުމަށާއި އެކަމުގައި ދެމިތިބޭނެ ބަޔަކު ތިބިކަން ޔަގީންކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ