ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިއްބެވި ކައުންސިލަރުންނާއި، ރަށްރަށަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ނާޒިލް މިހެން ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ފަރާތްތަކަކީ ލޯކަލް ކައުންސިލުތަކުގެ ކައުންސިލަރުންކަން ފާހަގަކޮށް ހުށަހަޅާފައިވާ ގަރާރުގައި ވަނީ ކައުންސިލުގެ ރައީސްގެ މުސާރަ ސެކެޓްރީ ޖެނެރަލްގެ މުސާރައަށް ވުރެ ކުޑަވުމާއި، ކައުންސިލުގެ ނައިބު ރައީސްގެ މުސާރަ ކައުންސިލުގެ އެގްޒެކެޓިވްއެއްގެ މުސާރައަށްވުރެ ކުޑަވުމުގެ މައްސަލަ ފާހަގަކޮށްފަ އެވެ.
އެ ގަރާރުގައިވާ ގޮތުން އިދާރީ މުވައްޒަފުންގެ މުސާރަ ކައުންސިލަރުންގެ މުސާރައަށްވުރެ ބޮޑުވުމަކީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއް ކަމަށް ބެލެވޭ ސަބަބެކެވެ. އޭގެ އިތުރުން، ރައްޔިތުން އިންތިހާބުކުރާ ބައެއްގެ މުސާރަ ސަރުކާރުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވުމަކީ އިންތިހާބުވެގެން މަގާމުތަކަށް އަންނަ ފަރާތްތަކުގެ ބާރުވެރިކަން ކުޑަވާ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިއްބެވި ކައުންސިލަރުންނަށް ކުރެވޭ ގޯސްކަމެއް ކަމަށާއި، އެއީ ރަށްރަށަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. ނާޒިލް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުންގެ މުސާރަ ކަނޑައެޅުމަކީ މަޖިލީހުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ގަރާރު މަޖިލީހުން ބޭރުކޮށްލުމުގެ ބަދަލުގައި، މާލިއްޔަތު ކޮމިޓީއަށް ފޮނުވައިގެން ދިރާސާކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން މިއަދު މި ފްލޯއިން މި ގަރާރު ބޭރުކޮށްލުމަކީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގަ އަޅުގަނޑު ނުދެކޭ ވާހަކަ ދަންނަވާލަން. އަޅުގަނޑުމެންނަށް މި ފްލޯއިން ފޮނުވާލެވިދާނެ މާލިއްޔަތު ކޮމިޓީއާ ހިސާބަށް. މާލިއްޔަތު ކޮމިޓީން އެކަމާ ދޭތެރޭ ދެކޭ ގޮތަކީ ކޮބައިތޯ ބަލަންޖެހޭ،
ނާޒިލް ވިދާޅުވީ ކައުންސިލްތަކުގެ އިސްވެރިންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިގެ މެދުގައި ހުރި ބޮޑު ފަރަގުގެ ވާހަކަ ގަރާރުގައި ވެސް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރަށްރަށަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވަނީ، ސަރުކާރުގެ ވުޒާރާތަކާ މަޝްވަރާކޮށްގެން މި މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައްވާފައެވެ. ނާޒިލ ވިދާޅުވި ގޮތުގައި، ކައުންސިލަރުންގެ މުސާރައިގެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމަކީ މަޖިލީހުގެ މެމްބަރުންނާ މެދު އާންމު ރައްޔިތުންނާއި ކައުންސިލަރުން ދެކޭ ގޮތް ގޯސްވާނެ ކަމެކެވެ. އަދި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަތިކޮށްފައިވާ ފުރިހަމައަށް ޒިންމާ ނަގައި ކަންކަން ހައްލު ކުރުމަށް ހެޔޮ ނިޔަތް ގެންގުޅުމަށް ގޮވާލާފަ އެވެ.
ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ހުށަހެޅުމުން ބޭރުކޮށްލުމަކީ، ރަށްތަކަށް ދެވޭ އަނިޔާއެއް: ނާޒިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ