ރާއްޖޭގެ އިގުތިސާދީ ކުރިއެރުން 1 ޕަސެންޓްއަށް ދަށްވާނެކަމަށް އައިއެމްއެފުން ލަފާކޮށްފި

މެދުއިރުމަތީގެ މައްސަލަތަކާއެކު ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކޮށް، ސަބްސިޑީގެ ނިޒާމު އިސްލާހުކޮށް ދަރަނި ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ގޮވާލައިފިއެވެ.
އައިއެމްއެފުން ރާއްޖެއަށް ކުރި 2026 ވަނަ އަހަރުގެ "އާޓިކަލް 4" މިޝަން ނިންމާލުމަށްފަހު ނެރުނު ވަގުތީ ބަޔާނުގައި ބުނެފައިވަނީ، ފާއިތުވި އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއެރުންތަކެއް ހޯދި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަން މަޑުޖެހުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. މިކަމުގެ ސަބަބުން 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ މިންވަރު 1 ޕަސެންޓްއަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް 2027 ވަނަ އަހަރުން ފެށިގެން އިގުތިސާދު އަލުން އިއާދަވާން ފަށައި، މެދު ރާސްތާގައި ކުރިއެރުން 4 ޕަސެންޓްއިގައި ހުންނާނެ ކަމަށް އެ އިދާރާއިން އަންދާޒާކުރެއެވެ.
މި މަހުގެ 4 އިން 14 އަށް ކުރިއަށްގެންދިޔަ މި މިޝަންގައި، އައިއެމްއެފްގެ ވަފުދުން ވަނީ ފިނޭންސް މިނިސްޓަރު ޒަރީރު އާއި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކަށްފަހު އައިއެމްއެފުން އިރުޝާދު ދީފައިވަނީ ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި ހަރަދުތައް ކުޑަކުރުމަށާއި، ހާއްސަކޮށް ސަބްސިޑީގެ ނިޒާމު މުރާޖައާކޮށް، ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީ ލިބޭނެ ގޮތަށް އުސޫލުތައް ބަދަލުކުރުމަށެވެ. އަދި ދައުލަތުގެ ކުންފުނިތައް ހިންގުން ހަރުދަނާކޮށް، މާލީ ހިރާސްތައް ކުޑަކުރުމަކީ އިގުތިސާދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
މަނިޓަރީ ސިޔާސަތުތަކަށް އަލިއަޅުވާލަމުން އައިއެމްއެފުން ބުނީ، އެމްއެމްއޭއިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަކީ ފައިސާގެ ބާޒާރު ހަމަޔަކަށް އެޅުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ރިޒާވް އިތުރުކުރުމަށް މަގުފަހިވެފައިވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ދިގު ރާސްތާގައި އިގުތިސާދު ވަރުގަދަކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ތިމާވެށީގެ ބަދަލުތަކަށް ކެތްކުރެވޭނެ ފަދަ އިންވެސްޓްމަންޓްތަކަށް އިސްކަންދިނުމަށް އައިއެމްއެފުން ވަނީ ލަފާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ