ވޯލްޑް ކަޕް ބޯމަތިވެފައި ވަނިކޮށް މެސީއަށް އަނިޔާގެ ހިޔަނި

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، ވޯލްޑް ކަޕް ފެށުމުގެ ކުރިން ގައުމީ ޓީމާ ގުޅުމުގެ ކުރިން ކުޅެން އޮތް ފަހު މެޗުގައި އަނިޔާގެ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. އެމެރިކާގެ މޭޖަރ ލީގު ސޮކާގައި ރޭ ފަތިހު އިންޓަ މިއާމީ އާއި ފިލަޑެލްފިއާ ޔޫނިއަން ބައްދަލުކޮށް 6-4 ގެ ނަތީޖާއަކުން މިއާމީ މޮޅުވި މެޗުގެ ދެވަނަ ހާފުގައި މެސީ ވަނީ އަމިއްލައަށް އެދިގެން ދަނޑުން ފައިބާފައެވެ. މިއީ ޖޫން މަހު ފަށާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަންކަން ކުރާނެ މެސީގެ ހާލަތާ މެދު ގައުމީ ޓީމަށާއި ސަޕޯޓަރުންނަށް ބޮޑު ކަންބޮޑުވުމެއް ކުރިމަތިވި މަންޒަރެކެވެ. މެޗުގެ 73 ވަނަ މިނެޓުގައި މެސީ ދަނޑުން ފޭބިއިރު، އޭގެ ކުރިން އޭނާގެ ހަރަކާތްތަކުން ބޮޑު އުނދަގުލެއް އުޅޭހެނެއް ހީނުވެ އެވެ. އަދި ދަނޑުން ފޭބިއިރު ކޮަޅަށް ހުރެ ހިނގާފައި ދިޔައީވެސް އާދައިގެ ގޮތަކަށެވެ. މެސީ ބަދަލުކުރި ވަގުތު-- މިއާމީއަށް ބޯކޮށް ވާރޭވެހެމުން ދިޔަ ވަގުތު ކުޅުނު މި މެޗުގެ 68 ވަނަ މިނެޓުގައި މެސީ ހިލޭ ޖެހުމެއް ފޮނުވާލާފައިވާއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ވަނީ ހަލުވި ދުވުމަކާއެކު ބޯޅަ ހިފައިގެން ކުރިއަށް އަރައި އޮފްސައިޑްގައި ހުރި އިއާން ފްރޭއަށް ރީތި ތުރޫ ޕާހެއްވެސް ދީފައެވެ. ނަމަވެސް އޭގެ ފަހުން މަޑު ހިނގުމެއްގައި ދަނޑުމަތީގައި އުޅުމަށްފަހު، ދަނޑުގެ އަރިމަތީގައި ހުރެ ބަދަލުކޮށްދިނުމަށް މިއާމީގެ ބެންޗަށް އޭނާ އިޝާރާތްކުރި އެވެ. ދަނޑުން ފޭބި ގޮތަށް މެސީ ވަނީ ސީދާ ޗޭންޖިން ރޫމަށެވެ. ދަނޑުގައި ތިބި ބައެއް އޮބްޒާވަރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެސީ ދަނޑުން ފޭބީ އޭނާގެ ވައަތު ފައިގެ ފަހަތް ފަރާތުގައި ހިފަހައްޓައިގެން ހުރެއެވެ. ނަމަވެސް މެޗުގެ ލައިވް ބްރޯޑްކާސްޓުން އެފަދަ މަންޒަރެއް ސާފެއް ނުވެއެވެ. މިއާމީގެ ހެޑް ކޯޗު ގިއާމޯ ހޯޔޯސް މެޗަށްފަހު ބުނީ އަދި މެޑިކަލް ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، މެސީ ބަދަލުކުރީ ހަމައެކަނި ވަރުބަލިވުމުގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ވާރޭގެ ސަބަބުން ދަނޑު އޮތީ ވަރަށް ބަރުކޮށް ކަމަށާއި، އެހެންކަމުން އެއްވެސް ރިސްކެއް ނުނަގާ މެސީ ރައްކާތެރިކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކޯޗު ފާހަގަކުރި އެވެ. މެސީ މިއާމީގެ މެޗަކުން މިގޮތަށް ދެވަނަ ހާފުގައި ބަދަލުކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ އާދަޔާ ހިލާފު ކަމެކެވެ. އުމުރުން 38 އަހަރުގެ މެސީ ވަނީ މި ސީޒަނުގައި އިންޓަ މިއާމީއަށް ކުޅުނު ކޮންމެ މެޗެއްގެ ފުރިހަމަ 90 މިނެޓު ކުޅެފައެވެ. އަދި ފާއިތުވި ސީޒަނުގައި މިއާމީއަށް އެމްއެލްއެސް ކަޕް ހޯދައިދިނުމުގައިވެސް އޭނާ ފިޓްކޮށް ހުރި ކޮންމެ މެޗެއްގެ ބޮޑުބައި ދަނޑުމަތީގައި ހޭދަކުރިއެވެ. މި ސީޒަނުގައިވެސް މެސީ ހުރީ އާދަޔާ ހިލާފު މޮޅު ފޯމެއްގައެވެ. އޭނާ ވަނީ މިއާމީއަށް ކުޅުނު 14 މެޗުން 12 ލަނޑު ޖަހައި، 7 އެސިސްޓް ހަދާފައެވެ. އެމްއެލްއެސްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ މަގާމުގައި 28.3 މިލިއަން ޑޮލަރާއެކު އަދިވެސް އޮތީ މެސީ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އާޖެންޓީނާގެ މެޑިކަލް ޓީމުން މެސީގެ ފިޓްނަސްއަށް ވަރަށް ބޮޑަށް ފާރަވެރިވާނެއެވެ. އެއީ ވޯލްޑް ކަޕް ދިފާއުކުރުމަށް އާޖެންޓީނާއިން ނުކުންނަ ފުރަތަމަ މެޗަށް ބާކީ އޮތީ އެންމެ 23 ދުވަސް ކަމަށްވާތީއެވެ. ކެންސަސް ސިޓީގައި ޖޫން 16 ގައި އަލްޖީރިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އާޖެންޓީނާއިން ދެ އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. އެއީ ޖޫން 6 ގައި ހޮންޑިއުރާސްއާ ދެކޮޅަށް އަދި ޖޫން 9 ގައި އައިސްލޭންޑާ ދެކޮޅަށެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި އާޖެންޓީނާ ބައްދަލުކުރާނީ ޖޫން 22 ވަނަ ދުވަހު އޮސްޓްރިއާއާ ދެކޮޅަށް، އަދި ޖޫން 27 ވަނަ ދުވަހު އުރުދުންއާ ދެކޮޅަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 8 ފަހަރު ހޯދާފައިވާ މެސީ، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ 2026 ގެ ވޯލްޑް ކަޕްގައި ކުޅޭނެކަމާ މެދު މީގެކުރިން އޮތީ ކުޑަ ޝައްކެއް އުފެދިފައެވެ. މެސީ މީގެކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ވޯލްޑް ކަޕްގައި ހުންނަން ބޭނުންވާ ކަމަށާއި، ނަމަވެސް އެއީ ޓީމަށް އެހީތެރިވެވޭ ފަދަ 100 އިންސައްތަ ފިޓް ހާލަތެއްގައި ހުރެވިގެން ކަމަށެވެ. އޭނާގެ ނިންމުން ނިންމާނީ ދުވަހުން ދުވަހަށް ހާލަތު ބަލަމުންގޮސް ކަމަށް ބުނެފައިވާއިރު، މި ފަހަރުގެ މުބާރާތް ވެގެންދާނީ އޭނާގެ ހަވަނަ ވޯލްޑް ކަޕް މުބާރާތަށެވެ. އާޖެންޓީނާގެ ރަސްމީ ސްކޮޑް އަންނަ ހަފުތާގައި އިއުލާންކުރަން ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ