އިނގިރޭސިވިލާތް (ޔޫކޭ) އަށް ރާއްޖޭން ބޭރުކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ، 2028 ވަނަ އަހަރުގެ ނިޔަލަށް މެދުކަނޑާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ދެ ގައުމުގެ ސަރުކާރުގެ މެދުގައި އެތައް އަހަރުތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކަށް ފަހު އައި މި ނިންމުމާ ގުޅިގެން ރާއްޖެއިން ޔޫކޭގެ ބާޒާރަށް މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގައި ދައްކަންޖެހޭ %20 ގެ ޓެރިފް ކުރިއަށް އޮތް ދެ އަހަރާއި ހަ މަހެއްހާ ދުވަހަށް ކެނޑިގެން ދާނެ އެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔޫކޭއަކީ ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަ ވަނަ ގައުމެވެ. ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 މިލިއަން އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް ޔޫކޭއަށް މަސް ބޭރުކުރެ އެވެ.
ޔޫކޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމަށް އެންމެ ގިނައިން ކަނޑުމަސް ބޭރުކުރާ 10 ގައުމުގެ ތެރެއިން ހަތް ގައުމު (އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ފިލިޕީންސް، ސްޕެއިން، ނެދަލޭންޑްސް) އިން އެއްވެސް ޑިއުޓީއަކާ ނުލާ އެ ގައުމަށް މަސް އެތެރެކުރެވެ އެވެ.
ސަރުކާރުން ބުނާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ދިވެހި މަސް އެކްސްޕޯޓްކުރާ ވިޔަފާރިތަކަށް އެހެން ގައުމުތަކާ އެއްހަމައެއްގައި ވާދަކުރުމުގެ ފުރިހަމަ ފުރުސަތު ލިބި، މަސްވެރިންނަށް ލިބޭ އަގު ރަނގަޅުވުމަށް މަގުފަހިވާނެ އެވެ.
އިނގިރޭސި ސަރުކާރުގެ މި ނިންމުމަށް ޝުކުރު އަދާކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ، މި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ ސިނާއަތަށާއި މަސްވެރިންނަށާއި އިނގިރޭސި ކަސްޓަމަރުންނަށް ވެސް މަންފާތައް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވުމާއި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބާނާ ދިވެހި މަހުގެ އުފެއްދުންތަކަށް ޔޫކޭގެ ބާޒާރުން ފުރުސަތުތައް ފަހިވުން އެމަނިކުފާނު ފާހަގަކރުެއްވި އެވެ.
"ދިވެހިރާއްޖެއަކީ ދޮށީގެ މަސްވެރިކަމުގެ ސިނާއަތުގައި ދުނިޔޭގެ ކުރިމަތީގައި ނަމޫނާ، އަދި ޒިންމާދާރުކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ގައުމެއް. މި ތާރީހީ ކާމިޔާބީން ރަމްޒުކޮށްދެނީ ރާއްޖެ އާއި ޔޫކޭއާ ދެމެދު އޮތް ގާތް ގުޅުމާއި، ދެމެހެއްޓެނިވި ވިޔަފާރިއާއި އިގުތިސާދީ ކުރިއެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން" މުއިއްޒު ވިދާޅުވި އެވެ.
ޔޫކޭ ސަަރުކާރުގެ ނިންމުން އިއުލާންކުރައްވަމުން، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ނިކް ޑޭވިސް ވެސް ވަނީ ރާއްޖެއިން ކުރާ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ، މީގެ ސަބަބުން ޔޫކޭގެ ބާޒާރުގައި ދިވެހި ކަނޑުމަހުގެ އުފެއްދުންތައް އަގުހެޔޮ ވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. ބައިނަލްއަގުވާމީ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަމުން އަންނަނީ މި ނިންމުން ދާއިމީކުރާށެވެ. އެއީ މިހާރު ވެސް މަޝްވަރާކުރެވެމުން އަންނަ ރާއްޖެ-ޔޫކޭ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ފްރީ ޓްރޭޑް އެގްރީމަންޓް ނުވަތަ އެފްޓީއޭ) ގެ މަޝްވަރާތަކުގައި ރާއްޖެއިން އެންމެ ބޮޑަށް ކުރާ ޑިމާންޑެވެ.
މި އެފްޓީއޭގެ މަޝްވަރާތައް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރުގަ އެވެ. އަދި، މި ސަރުކާރުން ވެސް ވަނީ އެ މަޝްވަރާތައް ކުރިއަށް ގެންގޮސް، ޔޫކޭއާ އެކީ އެފްޓީއޭއެއް އެކުލަވާލާނެ ކަމަށް ބުނެފަ އެވެ.
ޔޫކޭއިން ރާއްޖޭގެ ކަނޑުމަހުގެ ޓެރިފް 2028 ގެ ނިޔަލަށް މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ