ފަހި ދިރިއުޅުން ފްލެޓުތަކުގައި ގާބޭޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި އަމާން ފްލެޓުތަކުގައި ކުނި އުކާލުމަށް ހާއްސަ "ގާބޭޖް ޝޫޓް" ހަރުނުކުރާ މައްސަލައިގައި ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ އެވެ.
އެ މައްސަލައިގައި މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދޭން އެދިވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މުއްތަލިބުއަށް ފޮނުވި ސުވާލުކުރުމުގެ ނޯޓިސްގައި އެދިފައި ވަނީ މިދިޔަ ސަރުކާރުން އިމާރާތްކުރި ފްލެޓުތަކުގައި ކުނި އުކާލުމަށް ހާއްސަ ގާބޭޖް ޝޫޓް ހަރުނުކުރަނީ ކީއްވެކަން ސާފުކޮށްދިނުމަށެވެ.
"މިހާރު ކަންތައް ހުރިގޮތުން ގޭބިސީތަކުން އުފެދޭ ކުނި ތިރިއަށް ގެންދަންޖެހެނީ ލިފްޓުގަ އެވެ. މީގެ ސަބަބުން އިތުރު މީހުންނާއެކު ކުނި ކޮތަޅުތައް ހިފައިގެން ލިފްޓުގައި ދަތުރުކުރަން ޖެހުމުން އެކަމުގެ އުނދަގޫ އެހެން މީހުންނަށް ފޯރުމުގެ އިތުރުން މިއީ ސިއްހީ ގޮތުންނާއި ސާފުތާހިރުކަމުގެ ގޮތުން ވެސް ބަލާއިރު އެންމެ އެދެވޭ ގޮތެއް ނޫން،" ކުޑޫ ފޮނުވި ސުވާލުގައިވެ އެވެ.
މިދިޔަ ސަރުކާރުން އެޅި 4000 ހައުސިން ޔުނިޓު ހިމެނޭ ފްލެޓުތައް ފަރުމާ ކޮށްފައި ވަނީ ގާބޭޖު ޝޫޓް ހަރުކުރާ ގޮތަށެވެ. މިދިޔަ ސަރުކާރުގެ ދުވަސްވަރު، އެ ފްލެޓުތަކުގެ ނަމޫނާ އެޕާޓުމެންޓުތައް ދައްކާލަން ނޫސްވެރިން ގެންދިޔަ ދުވަހު ވެސް އެ ޝޫޓް ހަރުކުރަން ހަމަޖެހިފައިވާ ގޮޅި ދައްކާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ