ވަޓްސްއެޕްގެ ޔޫޒަނޭމް ފީޗާ މަޑުޖައްސާލަން އިންޑިއާއިން އަންގައިފި

ވަޓްސްއެޕުން ތައާރަފުކުރަން ރާވާފައިވާ ޔޫޒަނޭމް ފީޗާގެ ސަބަބުން އޮންލައިންކޮށް މަކަރާއި ހީލަތް ހެދުމާއި ފިޝިން (ސިއްރު މައުލޫމާތު ހޯދުން) އަދި އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި އެކައުންޓް ހަދައިގެން ލަނޑުދިނުން އިތުރުވެދާނެ ކަމަށް ބުނެ، އެ ފީޗާ ނެރުން މަޑުޖައްސާލުމަށް އިންޑިއާއިން ވަޓްސްއެޕަށް އަންގައިފި އެވެ.
މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން އިއްޔެ ނެރުނު ނޯޓިހެއްގައި ބުނީ، ފޯނު ނަންބަރު ހިއްސާނުކޮށް މުއާމަލާތް ކުރެވޭ ގޮތަށް ހަދާ މި ފީޗާގެ ސަބަބުން އޮންލައިން ފްރޯޑް، ފިޝިން، ޑިޖިޓަލް އެރެސްޓް ސްކޭމްތައް އަދި މީހުންގެ ނަމުގައި އޮޅުވާލައިގެން ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެދާނެ ކަމަށެވެ. އަދި ސަރުކާރާ އެކު ކުރަންޖެހޭ މަޝްވަރާތައް ނިމެންދެން އެ ފީޗާ ލޯންޗުނުކުރުމަށް ވެސް ވަޓްސްއެޕަށް ވަނީ އަންގާފަ އެވެ.
މެޓާ ޕްލެޓްފޯމްސްގެ ދަށުން ހިންގާ ވަޓްސްއެޕުން ބުނީ، މި ފީޗާ އަދި ލޯންޗުނުކުރާ ކަމަށާއި މީގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މީގައި ހިމެނޭނެ ކަމަށެވެ. އެގޮތުން، މަޝްހޫރު ޝަހުސިއްޔަތުތަކާއި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ހަދާ މުހިންމު ޔޫޒަނޭމްތައް އޭގެ ހަގީގީ ވެރިންނަށް ހާއްސަކޮށް ރިޒާވްކޮށްފައިވާ ކަމަށާއި އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި އެކައުންޓް ހަދަން އުޅޭ އުޅުންތައް ދެނެގަންނާނެ ނިޒާމުތައް ގާއިމުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުންފުނިން އިތުރަށް ބުނި ގޮތުގައި، އެކައުންޓެއް ހެދުމަށްޓަކައި އަދިވެސް ފޯނު ނަންބަރެއް ބޭނުންވާނެ އެވެ. އަދި އެހެން މީހުންނަށް މެސެޖު ކުރެވޭނީ ސީދާ ޔޫޒަނޭމް އެނގިގެން ކަމަށާއި، އާ ކޮންޓެކްޓްތަކާ ގުޅުމުގައި ހުންނަ ދަތިތަކާއި ނާޖާއިޒު ފައިދާ ހުއްޓުވުމަށް އިތުރު ރައްކާތެރިކަން މީގައި ހިމެނޭނެ ކަމަށް ބުންޏެވެ.
އިންޑިއާއަކީ 850 މިލިއަނަށް ވުރެ ގިނަ މީހުންނާ އެކު ވަޓްސްއެޕްގެ އެންމެ ބޮޑު މާކެޓެވެ. އެ ގައުމުން ދަނީ ފަހަކަށް އައިސް ބައިނަލްއަގުވާމީ ޓެކް ކުންފުނިތައް ބެލެހެއްޓުން ވަރުގަދަކުރަމުންނެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު އިންޓަނެޓްގެ ޒަރީއާއިން ހިންގާ ކުށްތަކުގެ ގާތްގަނޑަކަށް 102،000 މައްސަލަ ރަޖިސްޓްރީ ކުރެވުނުއިރު، އޭގެ ތެރެއިން ހަތަރުބައިކުޅަ ތިންބަޔަކީ އޮންލައިންކޮށް މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެވެ.
މި ދަނޑިވަޅުގައި، އިންޓަނެޓް ފްރީޑަމް ފައުންޑޭޝަނުން ވަނީ ސަރުކާރުގެ މި ނޯޓިހަށް ފާޑުކިޔާފަ އެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި ސަރުކާރުގެ މި ނިންމުމުގައި ގާނޫނީ އެއްވެސް ސާފު އަސާސެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ