މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓުންނަށް ހާއްސަ ވައުދެއް ވެވަޑައިގެންފި އެވެ.
ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި މީކާއިލް ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ، ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑޭޓުން ދެއްކި ފީ ޕާޓީގެ ފަރާތުން އަނބުރާ ދޭނެ ކަމަށެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި 489 މީހުން ވާދަކުރިއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން 416 މީހުން ވާދަކުރިއެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ކޮންމެ ކެންޑިޑޭޓަކު އިލެކްޝަންސް ކޮމިޝަނަށް ދައްކަންޖެހޭ އިދާރީ ފީއަކީ 1500 ރުފިޔާއެވެ.
މީކާއިލްގެ މި ވައުދާއެކު، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ނުވަސަތޭކައަށްވުރެ ގިނަ ކެންޑިޑޭޓުންނަށް މި ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު މިވަނީ ހުޅުވިފަ އެވެ.
ޕާޓީގެ ހިންގުން ހަރުދަނާކޮށް، ގޮފިތަކާއި ދާއިރާތަކުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މީކާއީލްގެ ވައުދެކެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުން ގެންދަވަނީ ޕާޓީގެ އާންމު މެންބަރުންނާއި ކައުންސިލަރުންގެ ތާއީދު ހޯއްދެވުމަށް ތަފާތު ސިޔާސަތުތަކާއި ވައުދުތައް ހުށަހަޅުއްވަމުންނެވެ.
މިފަހަރުގެ އިންތިހާބުގައި މީކާއީލްއާ ވާދަކުރައްވަނީ ކުރީގެ ރައިސް މުހައްމަދު ނަޝީދު އެވެ.
ކައުންސިލު އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން ދެއްކި ފީ އަނބުރާ ދޭން މީކާއިލް ވައުދުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ